ލިވަޕޫލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މި ނާކާމިޔާބާއެކު، ލިވަޕޫލަށް ވަނީ ޑޮމެސްޓިކް ދެ ތަށި ހޯދުމުގެ ހުވަފެން ނިމުމަކަށް އައިސްފަ އެވެ. ރޭ ކުރިމަތިވި ބައްޔަކީ މި ސީޒަންގައި ލިވަޕޫލަށް ކުރިމަތިވި ޖެހިޖެހިގެން ދެ ވަނަ ބައްޔެވެ. މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލަށް ވަނީ ވަޓްފޯޑް އަތުން ލީގްގެ ފުރަތަމަ ބަލި ކުރިމަތި ވެފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީއަށް މެޗުގެ ނަތީޖާ އަނބުރާލަ ދިނީ ވިލިއަން އާއި ރޮސް ބާކްލީ ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު ވިލިއަން ކާމިޔާބު ކުރީ މެޗުގެ 13 ވަނަ މިނެޓްގަ އެވެ. ލިވަޕޫލްގެ ހަމަލާތައް ހުއްޓުވުމުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރު ކުރި ސޭވް ތަކާއެކު އޭނާ ވަނީ ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑްގެ އެއް ވަނަ ކީޕަރު ވިލީ ކަބެލާރޯގެ ވާހަކައަށް ފަނޑު ކަމެއް ގެނެސްފަ އެވެ. އޭނާ ވަނީ ހަތަރު ސިކުތުންގެ ތެރޭގައި ލިވަޕޫލުން ފުލުފުލުގައި ފޮނުވާލި ތިން ބޯޅަ ވެސް ސަލާމަތް ކޮށްފަ އެވެ. ސެޑިއޯ މާނޭ ފޮނުވާލި ބޯޅަ ފުރަތަމަ ދިފާއު ކުރިއިރު، ދެން އެބޯޅަ ފޮނުވާލީ ޑިވޯކް އޮރީޖީ އެވެ. އަދި އެއަށް ފަހު ތިން ވަނަ ފަހަރަށް ކާޓިސް ޖޯންސް ފޮނުވާލީ ބޯޅަ ވެސް ކެޕާ ދިފާއު ކުރި އެވެ.
ޗެލްސީގެ މަޓޭއޯ ކޮވަސިޗަށް ފުރަތަމަ ހާފުގައި އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނުއިރު، ދެ ވަނަ ހާފާ ކުރިމަތިލީ އަނިޔާގެ ސަބަބުން ވިލިއަން ބަދަލު ކޮށްގެންނެވެ. އެހެންނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި ރޯސް ބާކްލީ ޗެލްސީއަށް ނަތީޖާ ފުޅާ ކޮށްދިނެވެ.