ރާއްޖޭގެ ކޮންސިއުމާ ޕްރައިޒް އިންޑެސްކް (ސީޕީއައި) ހިސާބުތައް އާއްމު ކުރުމުގައި މިދިޔަ މަހު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއޯއެސް) އަށް އޮޅުން އަރާފައިވާތީ އެކަން އިސްލާހު ކޮށްފި އެވެ.
އެންބީއޯއެސް އިން މިދިޔަ މަހު ސީޕީއައި ހިސާބުތައް ނެގުމަށްފަހު އާއްމު ކުރިއިރު، ފުރަތަމަ ބުނެފައިވަނީ މިދިޔަ މަހު ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ބައިގެ އަގުތައް 8.83 ޕަސެންޓް އުފުލިފައިވާ ކަމަށެވެ. ނަމަވެސް އެ އޮޅުން ރަނގަޅުކޮށް މިހާރު އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި މޮބައިލް ކޮމިއުނިކޭޝަންގެ ދާއިރާގެ އަގުތައް މިދިޔަ މަހު 2.77 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި މިހާރު ސީޕީއައި އަށް އައިސްފައިވާ ބަދަލާއެކު އެންމެ ބޮޑަށް އަގުތައް މައްޗަށް ގޮސްފައި ވަނީ ތަރުކާރީގެ ބައިންނެވެ.
ތަރުކާރީގެ އަގުތައް ވަނީ 9.41 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑަށް އަގުތައް ދަށަށް ދިޔައީ މޮބައިލް ކޮމިއުނިކޭޝަން ދާއިރާ އެވެ. އަދި ފައިވާނާއި ބޫޓުގެ އަގުތައް ވެސް ވަނީ 0.97 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ދުންފަތުގެ އަގުތައް ވެސް ވަނީ 1.89 ޕަސެންޓް ދަށްވެފަ އެވެ. އަދި މި މުއްދަތުގައި އަންނައުނުގެ އަގުތައް ވެސް ވަނީ ދަށްވެފަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބު ތަކަށް މިހާރު އައިސްފައިވާ ބަދަލާއެކު ޖުމްލަ ސީޕީއައި ވަނީ 0.14 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މަހަށް އައި އަގު ހިމަނައިގެން ބަލާނަމަ މި އަދަދު ވަނީ 0.29 ޕަސެންޓް ދަށްވެފަ އެވެ.