ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއަށް ވެސް ކޮރޯނާ ވައިރަސް އަންނާނެ: ނަޝީދު

ރާއްޖެއަށް ވެސް ކޮރޯނާ ވައިރަސް އަންނާނެ ކަމަށާއި އެކަމުން ސަލާމަތް ވެސް ވާނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމާ ގުޅޭ ކުއްލި މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގައި އުޅޭ ބައްޔެއް ވެއްޖެއާ ރާއްޖެއަށް ވެސް އަންނާނެ ކަމަށާއި އެކަމާ ބިރުން ގޭގައި ތިބެ ކާބޯތަކެތި އެއް ކުރާ ހިސާބަށް ދާން އުޅުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.

ރާއްޖެއަށް ކޮރޯނާ ވައިރަސްއެއް ނާންނާނޭ ބުނާ ބުނުން ހިތްތަކަށް ވައްދަން މަސައްކަތް ކުރުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށާއި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީކީ ނުވެދާނެ ކަމެއް ގޮތުގައި ދެކެން ވަރަށް އުނދަގޫ ރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުނަސް ސިއްހީ ނިޒާމް އޮތީ އެފަދަ ކަންކަމަށް ވަރަށް ފަރިތަ ގޮތަކަށް ކަމަށާއި 1940 އިން ފެށިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާއާއެކީގައި ޕަބްލިކް ހެލްތުގެ މަސައްކަތް އިންތިހާއަށް ކުރިޔަށް ގޮސްފައިވާ ކަމަށެވެ. ކޮރޯނާއަށް ވެސް ކުރަން ޖެހޭނެ ކަމަކީ ސާފުތާހިރުކޮށް އުޅުން ފަދަ އާދައިގެ އާންމު ކަންތައްތަކެއް ކަމަށް ރައީސް ނަޝީދު ވިދާާޅުވި އެވެ.

"ޓީޗަރުންނާއި މައިންބަފައިންނާ ހުރިހާ އެންމެން އަބަދުވެސް އަޅުގަނޑުމެން ކައިރީ ދައްކަމުން އަންނަ ވާހަކައެއް އަތް ދޮވެގެން ރީތިކޮށް ސާފުތާހިރުކޮށް ތިބީމަ ސަލާމަތް ވާނެކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި މިނުގައި ފެތުރެމުންދާ އެ ވައިރަސް ރާއްޖޭން ފެނިފައިނުވި ނަމަވެސް، ބައެއް ދިވެހިން ވަނީ އެ ބައްޔަށް ޓެސްޓުކޮށްފަ އެވެ. އަދި މިހާތަނަށް ހުރިހާ ޓެސްޓެއް ވަނީ ނެގެޓިވްވެފަ އެވެ.

ސަރުކާރުން ވަނީ އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އަދި އެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އަދި 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.