ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަސަން އަފީފް

ކޮރޯނާއަށް ތައްޔާރުވާން އޮތް ދައްޗަކީ އަމީންގެ ޖެއްސުން ކުރުން: އަފީފް

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް ދިމާވެފައިވާ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އޭނާ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަންކަމުން ކުރަމަތިވާ ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ތުހުމަތު ކުރައްވައިފި އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެ އަތުވެއްޖެނަމަ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ދަތި ކަމެއް ދިމާވެދާނެތީ އެ ކަމަށް ސަރުކާރު ތައްޔާރުވާން ގޮވާލައި އިދިކޮޅު ކޮންގްރެސް ޕާޓީން މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވާފަ އެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގައިބ ނުފޫޒު ގަދަ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ އަރިސް ހަސަން އަފީފް ވިދާޅުވީ، ޝަރީފް ހުށަހެޅުއްވި މައްސަލާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއިން އެ ވައިރަސް ފެނުނު ދުވަހުން ފެށިގެން ސަރުކާރުން އެ ކަމަށް ތައްޔާރުވާން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެ ކަމަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ގައުމަކީ ވެސް ރާއްޖެ ކަމަށެވެ.

"މި އެއާޕޯޓް އެރައިވަލްގައި މި ސަރަހައްދުން ވެސް އެންމެ ފުރިހަމައަށް ކެމެރާ ހަރު ކޮށްގެން ތައްޔާރަށް ތިބި ގައުމަކީ މި ރާއްޖެ، އަވަށްޓެރި ސްރީލަންކާގައި ވެސް ހުރީ ދެ ކެމެރާ، މި ރާއްޖޭގައި އެބަ ގެންގުޅޭ 10 ކެމެރާ. ބޮޑެތި ކެމެރާތަކުގެ ހަ ކެމެރާ ވަނީ ހަރުކޮށްފައި،" ކުރީގެ ހޯމް މިނިސްޓަރު އަފީފް ވިދާޅުވި އެވެ.

ރާއްޖޭން ކާބޯތަކެތީގެ ސްޓޮކް ނެތް ކަމަށް ދެކެވަޑައިގެން ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު އެ ކަމަށް ވެސް ސަރުކާރާއި އެސްޓީއޯއިން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އަފީފް ވިދާޅުވި އެވެ. މި ގޮތުން ރާއްޖޭގައި މިހާރު ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހުރި އަދަދުތަކެއް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ހުއްޓޭ 58000 ޓަނުގެ ހަނޑޫ، ހަކުރު އެބަ އުޅޭ 25000 ޓަނަށްވުރެ ގިނަ އަދަދަކަށް، ފުށް އެބައުޅޭ 43000 ޓަނަށް އަދި އަންނަން ހުރި ޝިޕްމަންޓްތަކުގެ ތެރޭގައި އެބަ އުޅޭ ހަނޑޫ 25000 ޓަނާއި 20000 ޓަނަކާ، ހަކުރު އެބަ އުޅޭ 15000 ޓަނުގެ ދެ ޝިޕްމަންޓް، ފުށް އެބަ އުޅޭ 10،000 ޓަނަކާއި 20،000 ޓަނަކާއި، މިހާރު އަންނަ މަގުމަތީގައި ހުރި އެއްޗެހި،" އަފީފް ވިދާޅުވި އެވެ.

އަފީފް ދެން ވިދާޅުވީ ސަރުކާރުން ވަމުންދާ ތައްޔާރީގައި ދަތި ކަމެއް އަންނަނީ ހަމައެކަނި ހެލްތު މިނިސްޓްރީން އަންނަ ދަތި ކަމެއް ކަމަށެވެ. އެއީ ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އަމީން ސަރުކާރަށް ޖެއްސުން ކުރަމުން ދާތީ ދިމާވާ ދަތި ކަމެއް ކަމަށެވެ.

"މި ކަމަށް އަންނަ ހަމައެކަނި ދައްޗަކީ ހެލްތު މިނިސްޓްރީން އަންނަ ދަައްޗެއް، އެއީ ޖުމްހޫރީ ޕާޓީގެ ވަޒީރަކު އެ ތަނުގައި އިންނަވާތީ ޖެއްސުން ކުރަނީ، އެހެންވެ ވާ ގޮތެއް އެއީ، ސާފުވެއްޖެ ދެއްތޯ؟"

އަފީފް ވިދާޅުވީ، ހެލްތު މިނިސްޓްރީން ކުރަމުންދާ ކަންކަން ބައްލަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓަރު އަމަލު ކުރައްވަމުން ގެންދަވަނީ ރައީސް އަންގަވާފައިވާ ގޮތަށްތޯ ބައްލަވަން ޖެހޭ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"މިއަދު ވެސް އެސްޓީއޯ އިން ފޭސް މާސްކްތައް ގެންނަން ވެގެން ހެލްތު މިނިސްޓްރީން ކޮންފާމް ނުލިބިގެން އެތަކެތި ނުގެނެވިގެން މި އުޅެނީ، އެހެންވީމަ އެސްޓީއޯ ވެސް، ސަރުކާރު ވެސް، މި ތިބީ މި ކަމަށް ތައްޔާރުވެގެން،"