އެފްއޭއެމް

ފުޓްސަލް އާއި ފުޓްބޯޅަ ވަކިކުރުމުގެ ފެށުން

ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުގެ ކުޅުންތެރިން ޓީމަށް ނާންގައި، ފުޓްސަލް މުބާރާތުގައި ކުޅެން ދިއުމުން، ބައެއް ކުލަބުތަކުން ކުޅުންތެރިންނަށް އަދަބު ދިނުމުގެ ގޮތުން ޓީމުގެ ހަރަކާތްތަކުން އެ ކުޅުންތެރިން ބާކީ ކުރި އެވެ. ކުލަބު އީގަލްސްގެ މުހިންމު ތިން ކުޅުންތެރިޔަކާމެދު، 2017 ވަނަ އަހަރު ސީޒަންގެ މުހިންމު ހިސާބަކުން ފިޔަވަޅު އަޅައި ޓީމުން ބަކީ ކުރި އެވެ. އެއަހަރުގެ މާލޭ ލީގްގެ ގަދަ ހަތަރެއްގެ ތެރެއަށް އީގަލްސްއަށް ނުވަދެވުނު ނަމަވެސް އެ ކުލަބުން އެ ކުޅުންތެރިންނާމެދު ފިޔަވަޅު އެޅީ އެ ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއާ ސަލާމަތް ކުރުމަށެވެ.

އެއެދަނޑިވަޅުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރެއްވީ، ފުޓްބޯޅަ އާއި ފުޓްސަލް ވަކި ކުރުމުގެ މަސައްކަތް އެފްއޭއެމުން ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތުގެ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމުން ފުޓްސަލް މުބާރާތްތައް ބާއްވަން ފެށި އެވެ. އެގޮތުން ރެކްރިއޭޝަނަލް ފުޓްސަލް މުބާރާތް 2018 ވަނަ އަހަރު ބާއްވި އެވެ. އެފްއޭއެމުން ބޭއްވި މުބާރާތުގައި ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތް ހެދި އެވެ.

އެފްއޭއެމުން މިދިޔަ ހޯމަ ދުވަހު އިއުލާން ކުރި އިންޑޯ ފުޓްސަލް އެރީނާގެ މަޝްރޫއިން، ރަސްމީ ގޮތެއްގައި ފުޓްސަލް އާއި ފުޓްބޯޅަ ވަކި ކުރެވޭނެ މަޝްރޫއަކަށް ހަތަރު ބުރިއަށް ހަދާ އެ އިމާރާތް ވެގެންދާނެ އެވެ. އިންޑޯ އެރީނާ ހިމެނޭ އިމާރާތް ހަދަނީ، އެފްއޭއެމްގެ މިނީ ޓާފް ދަނޑުގެ ފަހަތުގައި އޮންނަ ހުސް ބިމުގަ އެވެ. އެއީ ރާއްޖޭގައި އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހެދޭ އެންމެ ފުރަތަމަ ފުޓްސަލް އެރީނާ ކަމުގައި ވާނެ އެވެ. ފުޓްސަލްއަކީ އިންޑޯ ކުޅިވަރެކެވެ. ހަތަރު ބުރީގެ އިމާރާތުގެ ދެ ފަންގިފިލާ ސީދާ ހާއްސަ ވާނީ ފުޓްސަލް އަށެވެ.

އޭގެ ތެރެއިން އެއް ފުލާގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭ ފެންވަރަށް އިންޑޯ ސިންތެޓިކް ފްލޮރިން އާއެކު ތައްޔާރު ކުރެވޭ ފުޓްސަލް ހޯލެއް ހިމެނޭނެ އެވެ. ފުޓްސަލް އަށް ހާއްސަ ކުރާ އެނެއް ފަންގިފިލާ ބޭނުކުރާނީ ފުޓްސަލްގެ ޓްރޭނިންތަކަށެވެ. އެ އިމާރާތުގެހަތަރު ވަނަ ފްލޯ އާއި ގުރައުންޑު ފްލޯ ބޭނުން ކުރަނީ ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމަށެވެ.

ބައްސާމް ވިދާޅުވީ، އެފްއޭއެމުން ބޭނުންވާ ވަރަށް ފުޓްސަލްގެ ހަރަކާތް ކުރިއަށް ނެގެންދެވެނީ އިންޑޯ ފުޓްސަލް ހޯލެއް ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ ފީފާ އާއި އޭއެފްސީންވެސް މިހާރަށްވުރެ ބޮޑަށް ފުޓްސަލްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބާރު އަޅާ ކަމަށެވެ.

އިންޑޯ ފުޓްސަލް ބިލްޑިން ނިމުމާއެކު ވަކިން ފުޓްސަލް ލީގެއް ބޭއްވޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފްއޭއެމުން ފުޓްސަލްގެ ހަރަކާތް ކުރިއަށް ގެންދާނީ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ފުޓްސަލްއަށް ދާ މައްސަލައަށް ހައްލުތަކެއް ހޯދައިގެން ކަމަށެވެ

"އަޅުގަނޑުމެން އެ މަސައްކަތް ފަށާނީ ފުޓްބޯޅަ އާއި ފުޓްސަލް މުޅިން ވަކިކޮށްގެން،" ބައްސާމް ވިދާޅުވި އެވެ. "ފުޓްބޯޅަ ކުޅޭ ކުޅުންތެރިޔަކަށް ފުޓްސަލްއެއް ނުކުޅެވޭނެ، ފުޓްސަލް ކުޅުންތެރިންނަކަށް ފުޓްބޯޅަ ނުކުޅެވޭނެ، ހަގީގަތުގައި ދެ ސްޕޯޓަކަށް މިވަނީ، ދެގޮތަކަށް މި ކުޅެނ، އެ ބަދަލުތައް އަންނާނެ."

އޭނާ ވިދާޅުވީ ފުޓްސަލް އަށް ހާއްސަ ރެފްރީން އުފެއްދުމާއި ފުޓްސަލްއަށް ހާއްސަކޮށް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައްވެސް ސީދާ އެފްއޭއެމުން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ސީޒަނާ، އެފްއޭއެމުން ކުރިމަތިލީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ގެނައި އެންމެ ބޮޑު ބަދަލާއެކު އެވެ. މީގެ ކުރިން މީލާދީ އެއް އަހަރަށް ފައްތާފައިވާ ސީޒަން، އަހަރުގެ މެދުތެރޭ ފަށައި، މީލާދީ ދެ އަހަރުގެ ތެރެއަށް ސީޒަން ފެއްތި އެވެ. އެ ބަދަލުގެ ފައިދާ އާއި ގެއްލުންވެސް ހުއްޓެވެ. އެހެންނަމަވެސް ރާއްޖޭގެ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް "ކުލަބު މޯލްޑިވްސް" ސީޒަންގެ އެންމެ ފޯރިގަދަ ހިސާބުން އެކަހެރިވެ ސީޒަންގެ އެންމެ މުހިންމު ހިސާބާ ފުށުއެރުން ހުއްޓުނެވެ.