ބޮލީވުޑް

"އެސްޓްރެކްޝަން" އާއެކު ރަންދީޕް ހޫޑާ ހޮލީވުޑަށް

ބޮލީވުޑް އެކްޓަރު ރަންދީޕް ހޫޑާ ހޮލީވުޑަށް ތައާރަފްވާ ފިލްމަކީ ކްރިސް ހެމްސްވޯތު އާއެކު އޭނާ ކުޅޭ "އެކްސްޓްރެކްޝަން" އެވެ. މި ފިލްމުގެ ފުރަތަމަ މަންޒަރުތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ރަންދީޕް ފެންނަނީ ވަރަށް ވަރުގަދަ އެހާމެ ރީތި އެކްޓަރެއްގެ ގޮތުގަ އެވެ.

ރަންދީޕް ދީފައިވާ އިންޓަވިއު އެއްގައި ވަނީ ހޮލީވުޑް ފިލްމެއް ކުޅެން ލިބުނީތީ އުފާކުރާ ކަމަށް ބުނެފައި ވެއެވެ. އަދި "އެކްސްޓްރެކްޝަން" ގައި އޭނާ ކުޅެނީ މިލިޓަރީ ޕާސަނަލް އެއްގެ ރޯލު ކަމަށާއި އޭނާގެ ވަރަށް ގިނަ އެކްޝަން މަންޒަރުތައް މި ފިލްމުގައި ހިމެނޭނެ ކަމަށް ރަންދީޕް ބުނެފައި ވެއެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް ހޮލީވުޑް ފިލްމުތައް ކުޅެފައިވާ އެއްވެސް ބޮލީވުޑް އެކްޓަރަކަށް އެކްޝަން ފިލްމެއް ކުޅުމުގެ ފުރުސަތު ނުލިބޭ އެވެ. އޭނާއަކީ އެފަދަ މަންޒަރުތައް ކުޅޭ ފުރަތަމަ އެކްޓަރެވެ. އެކްޝަން މަންޒަރުތަކަށް ދުވާލަކު ދެ ފަހަރު 10 ދުވަސް މަތިން ރިހާސަލް ހެދި ކަމަށް ވެސް އޭނާ ބުންޏެވެ.

ރަންދީޕް އިތުރަށް ބުނި ގޮތުގައި ހެމްސްވޯތު އާއި ރައްސޯ ބްރަދާޒް އަދި ޑައިރެކްޓަރު ސޭމް ހާގްރޭވް އާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ވަރަށް ހިތްހަމަޖެހޭ ތަޖުރިބާ އެކެވެ.

"އެކްސްޓްރެކްޝަން" ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ މިއަހަރުގެ އޭޕްރީލް 24 ވަނަ ދުވަހުން ފެށީގެން ނެޓްފްލިކްސް އިންނެވެ. ކްރިސް ހެމްސްވޯތު ލީޑް ރޯލު ކުޅޭ މި ފިލްމަކީ ސޭމް ހާގްރޭވް ޑައިރެކްޓަރެއްގެ ގޮތުގައި އުފައްދާ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ސްޓޯރީލައިން ލިޔެފައިވަނީ ޖޯއެ ރަސޯ އެވެ.