އެމްޑީޕީ

އެމްޑީޕީ، ތަރައްގީ މިނަނީ ކޮންކްރީޓަކުން ނޫން: ނަޝީދު

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ކޮންކްރީޓުން ތަރައްގީ މިނާ ޕާޓީއެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ. ވާދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ގދ. ވާދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ކުދި ތަރައްގީގެ މަޝްރޫއުތައް ކޮންމެ ސަރުކާރަކުން ވެސް ކަނޑައަޅާ ކަމަށެވެ. ދައުލަތުގެ އާމްދަނީ ހުރި ވަރަކުން ކޮންމެ އަހަރު މަޝްރޫއުތައް އިތުރު ކުރަމުންވެސް ދާ ކަމަށެވެ.

އެކަމަކު އެމްޑީޕީގެ ތަފާތަކީ ލާމަރުކަޒީ އުސޫލުން މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ ޕްރޮޖެކްޓްތައް ކައުންސިލްތަކަށް ދޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ސަބަބަކީ ވެސް ރަށުގައި ފައިސާ ހިފަހައްޓާނެ ނިޒާމެއް ބައްޓަން ކުރުން ކަމަށެވެ.

"ފަސް މިލިއަނަށް ނާރާ ހުރިހާ ޕްރޮޖެކްޓެއް މި ހިންގަނީ ކައުންސިލުން ޓެންޑާ ކޮށްގެން ވާދޫ މީހުން ހޯދައިގެން ވާދޫ މީހުން ލައްވައި އެ ކަން ކުރާ ގޮތަށް. ވާދޫގައި ކްލާސް ރޫމް އަޅާއިރު އޭގެ ބީލަން މި ނެރެން ޖެހެނީ ކައުންސިލުން. އެ [ހަވާލުކުރާ] މީހާއަކީ ވާދޫ މީހަކަށް ވެއްޖެއްޔާ ޕޮއިންޓް އިތުރު ވާނެ. ޓެންޑަރު ގަވާއިދަށް އެ ބަދަލު ގެނެސްފައިވާނެ،" ވާދޫ އިން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރަށުގެ އިގްތިސާދު ފުޅާ ކުރަން މަސައްކަތް ކުރަނީ އެމްޑީޕީން އެކަނި ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމް އިން ގަބޫލު ކުރައްވާ ނިޒާމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރަށަށް ތަރައްގީ ގެންނަން މަސައްކަތް ކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް އެ ބާރުތައް ދޫކޮށްލައިގެން ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުން ފެށި ބައެއް ޕްރޮގްރާމްތަކުގައި ވާދޫގެ މީހުން އުޅޭ އަދަދުތަކެއް ރައީސް ނަޝީދު ހާމަ ކުރެއްވި އެވެ. މި ގޮތުން ހިލޭ ޑިގްރީގެ ޕްރޮގްރާމާއި ހެނދުނުގެ ނާސްތާގެ ޕްރޮގްރާމްގެ އިތުރުން ވިހެއުމުން މަންމަ އާއި ބައްޕައަށް ދޭ ޗުއްޓީ އިތުރު ކުރުން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ތަރައްގީ މިނަނީ ރަށުގައި އަޅާ ކޮންކްރީޓަކުން ނޫން ކަމަށެވެ. އެމްޑީޕީން ތަރައްގީ މިނަނީ އެ ގޮތަށް ހިންގާ ޕްރޮގްރާމްތަކުން ރައްޔިތުންނަށް ލިބޭ ލުއިތަކުން ކަމަށެވެ. އެއީ ތަރައްގީ ކަމަށް ގަބޫލު ކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން [އެމްޑީޕީން] ތަރައްގީ މިނަނީ މި ތަނުގައި އަޅާ ކޮންކްރީޓަކުންނެއް ނޫން. އަލަށް ވިހާ ދަރިފުޅު ކައިރީގައި މަންމަ އާއި ބައްޕައަކަށް މަޑުކޮށްލެވުނީމަ އެއީ ތަރައްގީ، މަންމައަށް ދަރިފުޅު ކައިރީ މަޑުކޮށްލެވޭ ގޮތް ވެފައި ދަރިފުޅު ރަނގަޅު ބަރުދަނެއްގައި ބޮޑު ކުރެވުނީމަ އެއީ އަޅުގަނޑުމެން ދެކޭ ތަރައްގީ އަކީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އަތޮޅުގައި ހިމެނޭ ރަށްރަށުގައި ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން އަތޮޅު ކައުންސިލްގައި ބެހެއްޓޭ ގޮތަށް އެ ކައުންސިލްތަކަށް ބަޖެޓް ދޫކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.