ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މައުލޫމާތު ހާމަ ތަނެއްގެ ގޮތަށް ޕީޖީ ބައްޓަންކޮށްފިން: ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަކީ ކުރިއަށްވުރެ ބޮޑަށް މައުލޫމާތު ހާމަ ކޮށްދިނުމުގައި ހާމަކަން ބޮޑު މުއައްސަސާއަކަށް ހަަދަން އެ އޮފީހުގެ މަސައްކަތްތައް ބައްޓަންކޮށްފައި ވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮޮމިޝަނަރުގެ އޮފީހުގެ މުވައްޒަފުންގެ ފިޓްނެސް ޕްރޮގްރާމް "ފިޓްއައިކޮމް" ފެށުމަށްޓަކައި އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޖީ ޝަމީމް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެންމެ ރަނގަޅަށް މަސައްކަތް ކުރަނީ ޕީޖީ އޮފީހުން ކަމަށެވެ.

މި ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެ އޮފީހަށް 316 މައްސަލަ ހުށަހެޅުނުއިރު، އޭގެ ތެރެއިން 307 މައްސަލައަށް ވަނީ ޖަވާބުދާރީވެފަ އެވެ. ފިޔާޒު ވިދާޅުވި ގޮތުގައި އެންމެ ގިނަ އަދަދަށް މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ގިނަ މައްސަލަތަކަށް ޖަވާބުދީފައިވާ މުއައްސަސާއަކީ ޕީޖީ އޮފީހެވެ. އެ ދުވެލީގައި މަސައްކަތް ކުރެވޭ ސަބަބަކީ ކޮބައިތޯ އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެ އޮފީހުގެ މަސައްކަތްތައް ތަރުތީބުކޮށް ބައްޓަން ކޮށްފައި ވަނީ ވީހާވެސް ބޮޑަށް މައުލޫމާތު ހާމަ ކުރެވޭނެ ގޮތަކަށް ކަމަށެވެ. މި ގޮތުން ގާނޫނާއި ގަވާއިދުގައި އަންގާފައިވާ ގޮތަށް މެނުވީ އަމަލު ނުކުރުމަށް އެ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބު ކުރެވިފައި ބައްޓަން ކުރެވިފައި މި އޮންނަނީ [މައުލޫމާތުތައް ވީހާވެސް ބޮޑަށް ހާމަ ކުރެވޭނެ] ގޮތަށް، އަޅުގަނޑު ދަންނަވާފައި އޮންނާނީ މުވައްޒަފުންނަށް އަޅުގަނޑު ބުންޏަސް ގަވާއިދާ ހިލާފު ކަމެއް ކޮށްގެން ނުވާނެ އޭ. ގަވާއިދުގައި އޮންނަ ގޮތަށް އެ ކަމެއް ކުރުމުން ރަނގަޅު ވާނެ." ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުންގެ ކަންކަން ބައްޓަން ކުރުމުގެ އިރުޝާދު ދެއްވާ ގޮތުގެ ތަފުސީލުތަކެއް ވެސް ޝަމީމް ދެއްވި އެވެ. މި ގޮތުން ގަޑިއަށް އޮފީހަށް އައިސް ވަގުތަށް މަސައްކަތް ފެށުމާއި އޮފީހުގެ ރަސްމީ ގަޑި ހަމަވުމުގެ ކުރިން ހުރިހާ މަސައްކަތެއް ކޮށް ނިންމަން އޮފީހުގެ މުވައްޒަފުންނަށް އޭނާ އިރުޝާދު ދެއްވާ ކަމަށް ވިދާޅުވި އެވެ.

"ހެނދުނު ރަނގަޅަށް ތައްޔާރުވެގެން އަށެއް ޖަހާއިރު އޮފީހަށް ވަޑައިގަންނަވާށޭ. އައިސް ތިނެއް ޖެހުމުން ވަޑައިގަންނަވާށޭ. އޭގެ ފަހުން އޮފީހުގައި ނޫޅުއްވާށޭ. އޮފީހުގެ ކަމަކާ މެދު ވިސްނައިގެން ވެސް ނުވާނެ. އޮފީހުގައި އުޅުއްވާ ގަޑީގައި ސީރިއަސް ކަމާ އެއްކޮށް އެ ކުރަން ޖެހޭ މަސައްކަތެއް ކުރާށޭ، މި ޓްވީޓާއަށް ފޭސްބުކަށް ވަދެ އެ ސަކަރާތް ނުޖަހާށޭ. އަށެއް ޖަހާއިރު އައިސްފައި ތިނެއް ޖަހާއިރު ގެއަށް ދެވޭ ގޮތަށް މަސައްކަތްތައް ބައްޓަން ކުރާށޭ." ޝަމީމް ވިދާޅުވި އެވެ.

މައުލޫމާތު ހާމަ ކުރުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން ޕީޖީ އޮފީހުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެން ގޮސްފައި ވަނީ އެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕީޖީ އޮފީހުގައި ވެސް މައުލޫމާތު ހާމަ ކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ގޮތުން އޭނާ ފާހަގަ ކުރެއްވީ ކުށުގެ ރެކޯޑްގެ މައުލޫމާތު ސާފު ކުރަން އެދޭ ފަރާތްތަކަށް އެ މައުލޫމާތު ދިނުމުގައި މިހާރު އެއް ދުވަހުގެ މުއްދަތު ނަގާ ކަމަށެވެ. އެއަށްވުރެ އަވަހަށް އެ މައުލޫމާތު ދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުށުގެ ރެކޯޑް ސާފު ކުރަން، ދެން ހަމަ އެއް ދުވަސް ނަގަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އެންމެ ގިނައިން މީހުން ހިދުމަތަކަށް އެ އެދޭ ކަންތައް އެއީ، އެހެންވީމަ އެ ކަންތައްތައް ވެސް އެ ގޮތަށް ނުވެ އަވަހަށް މައުލޫމާތު ދެވޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަން އެބަ،" ޝަމީން

މީގެ އިތުރުން މީހުންގެ މައްޗަށް ދައުވާ ކުރުމުން މީގެ ކުރިން އެ ކަން ސިޓީއަކުން އެންގި ނަމަވެސް މިހާރު އެ ކަން ބަދަލުކޮށް އެސްއެމްއެސްއަކުން އެ މައުލޫމާތު ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. މި ގޮތުން ދައުވާ ކޮށްފައިވާ މައްސަލައާއި މައްސަލަ ހިނގަމުންދާނެ ކޯޓާއި ޝަރީއަތުގެ ކަންކަން އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.

މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެ މައްސަލައެއްގެ މައުލޫމާތު ކުރިއަށް ވުރެ ބޮޑަށް ހާމަ ކުރަން ފަށާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. މިހާރު މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އަންގަން ޖެހޭ މައުލޫމާތުތައް ޕީޖީ އޮފީހުން ގުޅައިގެން އެ މައުލޫމާތެއް ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުންނަށް ކަންކަމުގެ ވާނުވާ އެންގީމަ އެ މީހުންގެ ހިތުގައި ސިސްޓަމް ހިނގާ ކަން ޔަގީން ވާނީ. ސިސްޓަމް ކޮންމެ ވެސް ކަމެއް ކުރާ ކަން ކަށަވަރު ވާނީ. އެހެންވީމަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނަށް މީޑިއާތަކުންނެއް ނޫން އެނގެން ވާނީ ތިމަންނަގެ މައްސަލަ ކޯޓަށް ގޮސްފިއޭ. އޭގެ ކުރިން އަޅުގަނޑުމެން ގުޅާފައި އެ މައުލޫމާތެއް ދޭން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.