ހަބަރު

ބްރިޖުގެ ސާވޭތަކެއް ހަދަން 231.3 މިލިއަން ރުފިޔާއަށް ކުންފުންޏަކަށް ހަވާލުކޮށްފި

ތިލަމޭލެ ބްރިޖު އެޅުމަށް ކަނޑާއި އެއްގަމުގައި ސާވޭތަކެއް ހެދުމަށް 231.3 މިލިއަން ރުފިޔާއަށް ބޭރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މެރީން ޖިއޯ ޓެކްނިކަލް ސާވޭ ކުރުމާއި ލޭންޑް ޖިއޯ ފިޒިކަލް ސަވޭ ކުރުމަށް ހަވާލުކޮށްފައި ވަނީ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެ މަޝްރޫއުގެ ތަފްސީލް ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސާވޭ ކުރުމަށް ހަމަޖެހިފައިވާ ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާ ސާވޭ ކުރާނެ ކަމަށާއި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނެއްގައި އެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަޝްރޫއު ފަށާނީ މި މަހު 15 ގައި ކަމަށާއި އަންނަ ޖުލައި މަހު 7 ގައި ނިމޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މި ބޭފުޅުންނަކި ދުނިޔޭގެ އެންމެ ފުންނާބު އުސް ތިން ކުންފުނީގެ އިންޓަނޭޝަނަލް ބިޑިންއެއްގައި އެންމެ ރަނގަޅު އަގު ލިބުނު ކުންފުނި،" އަކްރަމް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީގެ ފާތުމަތު ޝާނާ ފާރޫގް ވިދާޅުވީ ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށާއި މާލެ އާއި ވިލިނގިލި ގުޅިފަޅު ތިލަފުށީ ހިމެނޭ ގޮތައް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށެވެ. އަދި ލޭންޑް ސާވޭތަކެއް މާލެ ގުޅިފަޅު އަދި ތިލަފުށީގައި ކުރިޔަށް ދާނެ ކަމަށް ވެސް ޝާނާ ވިދާޅުވި އެވެ.

ސަރުކާރުން ބްރިޖު އަޅަން ނިންމާފައި ވަނީ އިންޑިޔާ ސަރުކާރުގެ އެހީގަ އެވެ. އެގޮތުން ބްރިޖުގެ މަސައްކަތް އެ ގައުމުގެ ކުންފުންޏަކާ ހަވާލު ކުރާއިރު ސާވޭގެ މަސައްކަތަށް ބޭނުންވާ ގިނަ ސާމާނު ވެސް ގެންނަނީ އިންޑިޔާއިންނެވެ.