ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާސްނުވޭ، ހުރިހާ ރައްޔިތުންނަށް ބޭނުންވާ ކާޑު އެބަހުރި: އެސްޓީއޯ

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަށް އެބަހުރި ކަމަށާއި ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯ އިން މިހެން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެކުންފުނިން ވަމުންދާ ތައްޔާރީތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ ރާއްޖޭގައި ކާޑުގެ ބާވަތްތަށް މަދުނުވާ ވަރަށް އެބަހުރި ކަމަށާއި ރައްޔިތުން ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި ރައްޔިތުން ހާސްވާނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ކާޑާއި ބޭހުގެ ބާވަތް ހުސްނުވެ އެކުންފުނިން ލިބޭނެ ކަމަށެެވެ.

އަމްރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކާޑުގެ ބާވަތްތަށް ބޭނުންކުރާ މިންވަރު އަދި އިތުރުވެފައި ނުވާ ކަމަށާއި ނަމަވެސް މިފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރުމުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ކާޑުގެ ބާވަތްތަށް ގަންނަން އައި މިންވަރު މިދިޔަ ދެތިން ދުވަހު އިތުރުވި ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ކާޑުގެ ބާވަތްތަށް ކޮންމެ ގެއެއްްގައި ސްޓޮކް ކޮށްފަ ބަހައްޓަންޖެހޭ ވަރަށް ރާއްޖޭގެ ހާލަތު ގޯސްވެފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން އަތުގަ އެބަހުރި ރާއްޖޭގެ ރައްޔިތުންނަށް ވާވަރަށް ކާޑުގެ ބާވަތްތަށް. ބޭސްވެސް އަޅުގަނޑުމެން އަތުގަ އެބަހުރި. އެހެން ނަމަވެސް މި ދެބާވަތް އިތުރަށްވެސް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. ރާއްޖޭގެ ކާޑުގެ ބާވަތްތަށް ބޭނުންވާ ވަރަށް ނެތޭ ކިޔާފަ ބިރުވެރިކަން އުފެދޭ ވާހަކަތައް ދެއްކީމަ ގެއްލުންވާނެ ހުރިހާ އެންމެނަށްވެސް. ކޮންމެ ގެއެއް ކާޑު ގުދަނަކަށް ހަދާ ވަރަކަށް އަދި ރާއްޖޭގެ ހާލަތު ދަށެއް ނޫން." އަމްރު ވިދާޅުވި އެވެ.

އަމްރު މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހާލަތަކަށް ވިސްނައި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތަށް ގެނައުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފަ އެވެ.

އަމްރު ވިދާޅުވީ ކޮވިޑް-19 އަކީ ރާއްޖެއަށްވެސް އަންނާނެ އެއްޗެއްކަން އެންމެންވެސް ދަންނަންވާނެ ކަމަށާއި އަދި އެގޮތަށް އެކުންފުނިވެސް މިހާރު ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާނެ ކާޑުގެ ބާވަތްތަށް އެކުންފުނީގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ބަލީގެ މީހަކު މާލެ އިން ނުވަތަ އަތޮޅު ތެރެއިން ފެނުނަސް އެ ކުންފުނިން ކާޑު ވިއްކުން ހުއްޓައެއް ނުލާނެ ކަމަށާއި އެހާލަތުގައިވެސް މިހާރުވެސް އެކުންފުނިން ކާޑު ވިއްކަމުންދާ އުސޫލަށް އަތޮޅުތަކަށް ކާޑު ގެންދާނެ ކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާސްކާއި ސެނިޓައިޒާ އެބަހުރި ކަމަށާއި ނަމަވެސް ސިއްހީ ހާލަތެއް މެދުވެރިނުވެ މާސްކާއި ސެނިޓައިޒާގެ ބޮޑު ސްޓޮކެއް ގޭގައި ބަހައްޓައިފި ނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ސިއްހީ ދާއިރާގެ ފަރާތްތަކުން ބުނާ ގޮތަށް އަމަލުކުރުމަށް ވެސް އަމްރު ވަނީ ނަސޭހަތްތެރިވެފަ އެވެ.

އެސްޓީއޯ އިން ހެޔޮ އަގުގައި މާސްކާއި ސެނިޓައިޒާފަދަ ތަކެތި ގަނެގެން ބޮޑު އަގުގައި ނުވިއްކުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ދަނޑިވަޅުގައި އެގޮތަށް އަމަލު ކުރުމުން އޭގެ ނޭދެވޭ އަސަރު ހުރިހާ އެންމެނަށް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.