ހަބަރު

ރައީސް ޔާމީން އެއް ގަޑިއިރު ގޭގައި ބެހެއްޓުމަށްފަހު އަނބުރާ ޖަލަށް

މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގަޑިއިރަކަށް އެމަނިކުފާނުގެ ގެކޮޅުގައި ގެންދިޔުމަށް ފަހު، އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ރައީސް ޔާމީން މިއަދު މާލެ ގެނައީ މިއަދު ހައި ކޯޓުގައި އޮތް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމަކަށެވެ. އެ އަޑުއެހުމަށް ފަހުގައި އެމަނިކުފާނާ ގުޅޭ ގޮތުން ފުލުހުން މިހާރު ބަލަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ފުލުހުންގެ އިދާރާއަށް ވަނީ ހާޒިރު ކޮށްފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އާދަމް އާސިފު "އަވަސް" އަށް ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް އެމަނިކުފާނު ފުލުހަށް ހާޒިރު ކުރުމަށް ފަހުގައި ގަޑިއިރަކަށް އެމަނިކުފާނުގެ ގެކޮޅަށް ގެންދެވި ކަމަށެވެ. ގާތްގަޑަކަށް ގަޑިއިރެއް ވަން ދެން އެ ތަނުގައި ހުންނެވުމަށް ފަހު މިހާރު މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހުގައި އެމަނިކުފާނު ފުލުހަށް ހާޒިރު ކުރި ކަމަށެވެ. ގެއަށް ގެންދެވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މިހާރު އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައި ކަމަށެވެ. އަދި އެމަނިކުފާނު ގޭބަންދަށް ބަދަލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ޖަލު ހުކުމެއް އިއްވާފައި ވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލާގަ އެވެ.

ފުލުހުން މިހާރު ވަނީ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އާ މައްސަލަތަކެއްގެ ތަހުގީގު ފަށައިފަ އެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމަށް މިއަދު ފުލުހަށް އެމަނިކުފާނު ހާޒިރު ކުރިއިރު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެމަނިކުފާނަށް ފުލުހަށް ހާޒިރުކުރި އެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.