ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއުގައި ދޮގު ހެކި ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ އެ މައްސަލަ ތަހުގީގުކުރުމާ މެދު ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒު ކުރަން މާފުށި ޖަލުގަ އެވެ.
މި މައްސަލައިގާ ޔާމީނުގެ ދިފާއުގައި ހެކިން ހެކިބަސް ދިނީ އެ މައްސަލާގައި ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތު ކުރުމުގެ ގޮތުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި ހުކުމުގައިވަނީ ޔާމީނުގެ ދިފާއުގައި ހުށަހަޅާފައިވާ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލައި ކޯޓަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
މިގޮތުން މި މައްސަލައަކީ ޖިނާއީ ތަހުގީގު ކުރަންޖެހޭ މައްސަލައެއްތޯ ބެލުމަށްޓަކައި ދިރާސާކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ރައީސް ޔާމީނަށް ކުރި ހުކުމުގެ ރިޕޯޓު އިއްޔެ ވަނީ އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފަ އެވެ. މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.