ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުން މިހާރު އެބަތިއްބެވެ. އަހަރެމެންގެ ގާތް އަވަށްޓެރި ގައުމުތަކުން ވެސް ބަލި ޖެހިފައިވާ މީހުން ފެންނަމުންދާއިރު މި ބަލި އަތުވެދާނެތީ ބިރު ގަތުމުގެ ބަދަލުގައި ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ އެ ފިޔަވަޅުތައް އެޅުން މާ ބުއްދިވެރި އެވެ.
ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ފެތުރޭ އިންފެކްޝަނެކެވެ. ބަލީގެ ނިޝާންތަކުގެ ތެރޭގައި ކެއްސުން، ނޭވާ ކުރުވުން، ކަރުތެރެ ސަކަރާތްވުން، ވަރުބަލިވުން އަދި ބައެއް މީހުންނަށް ނޭވާލާން ދަތިވާގޮތް ވެސް ވެއެވެ. މި ބައްޔަށް ވެކްސިން އެއް އަދި އުފެއްދިފައި ނުވާއިރު މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ބަލި ޖެހުމުގެ ކުރިން ބަލިން ދިފާއު ވެގެން ކުރެވެން އޮތްހާ ކަމެއް ކުރުމެވެ.
ބަލިން ދިފާއުވުމަށް ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ހަށިގަނޑުގެ އިމިއުން ސިސްޓަމް ނުވަތަ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ކުރެވުނުހާ ކަމެއް ކުރުމެވެ. ސަބަބަކީ އިމިއުން ސިސްޓަމް ވަރުގަދަނަމަ ބައްޔާ ހަނގުރާމަކުރުމުގެ ގާބިލްކަން ގުދުރަތީގޮތުން ހަށިގަނޑުގައި ހުންނާނެ އެވެ. ދުނިޔޭގެ މަޝްހޫރު ލައިފްސްޓައިލް ކޯޗު ލޫކް ކޯޓިންހޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކޮށްފައިވާ ވީޑިއޯއެއްގައި ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި މި ބައްޔާ ހަނގުރާމަކުރުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރާނެ ބައެއް ގޮތްތައް ކިޔައިދީފައި ވެއެވެ.
އޭނާ ބުނެފައިވާ ގޮތުގައި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެހެންކަމުން ދިފާއީ ނިޒާމު ވަރުގަދަ މީހުންނަށް ވުރެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ބެކްޓީރިއާ، ވައިރަސް އަދި އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އިމިއުން ސިސްޓަމްގެ ބާރުގަދަނަމަ ވައިރަސް އެރިޔަސް ހަށިގަނޑުން އެޔާ ހަނގުރާމަކޮށް އޭގެ ދުވަސް ދުއްވާލާނެ އެވެ.
އެގޮތުން ދިފާއީ ނިޒާމު ވަރުގަދަކުރަން ކެވިދާނެ ބައެއް ކަހަލަ ކާނާ ލޫކް ވަނީ ކިޔައިދީފަ އެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ހަމައެކަނި މި ކާނާ ކައިގެން ދިފާއީ ނިޒާމު ވަރުގަދަ އެއް ނުވާނެ އެވެ. ރަނގަޅު ކާނާގެ އިތުރުން ރޭގަނޑު ރަނގަޅަށް ނިދުމާއި ކަސްރަތުކުރުން އަދި ސްޓްރެސް މެނޭޖްކޮށްގެން ނޫނީ ދިފާއީ ނިޒާމު ވަރުގަދައެއް ނުވާނެ އެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭން ކެވިދާނެ ބައެއް ކާނާ
އިނގުރު – އިނގުރުގައި ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭން އެހީތެރިވާ ޕްރޮޕަޓީޒް އެކުލެވިގެން ވެއެވެ. ކާއެއްޗެތި ތައްޔާރުކުރާއިރު އިނގުރު އަޅާށެވެ. ނޫންނަމަ އިނގުރު ސައި ހަދައިގެން ބޯށެވެ.
ސްޕިނެޗް - ސްޕިނެޗް ރޯކޮށް ހުއްޓާ ކެއުމަށް ވުރެ ރަނގަޅީ ކުޑަކޮށް ފެނުކައްކާލައިގެން ނުވަތަ ސްޓީމް ކޮށްލައިގެން ކެއުމެވެ. އިމިއުން ސިސްޓަމް ބޫސްޓް ވާނީ އޭރުންނެވެ.
ޔޯގަޓް - ޔޯގަޓަކީ ބަނޑުގެ ސިއްހަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. ބަނޑުގެ ސިއްހަތު ރަނގަޅުވުމަކީ ދިފާއީ ނިޒާމު ވަރުގަދަ ވާނެ ކަމެކެވެ.
އާމަންޑް - އާމަންޑަކީ ފައިދާ ހުރި އެތައް ބައިވަރު ނިއުޓްރިއަންޓްސް އަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ދުވާލަކު 8-10 ވަރަކަށް އާމަންޑް ކެއުމުން ފުދޭނެ އެވެ.
ރީނދޫ - ދިފާއީ ނިޒާމު ވަރުގަދަ ކުރަން ރީނދުލަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ރީނދުލާއި ބްލެކް ޕެޕާ އަދި ކާށިތެޔޮ އެކުލެވޭ ކާނާއެއް ތައްޔާރުކުރާށެވެ. ނުވަތަ މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ ރީނދުލާއި އެއް ސައިސަމުސާ ގިތެޔޮ ނުވަތަ ކާށީތެޔޮ އާއި ކުޑަކުޑަ ޕެޕާ ކޮޅެއް އެއްކޮށްލައިގެން ބޭނުންކުރުމުން ދިފާއީ ނިޒާމަށް ވަރަށް ރަނގަޅުވާނެ އެވެ.
ގްރީން ޓީ - ގްރީން ޓީ އަކީ ސިއްހަތަށް ފައިދާހުރި ބުއިމެކެވެ. ދުވާލަކު 2-3 ޖޯޑު ސައި ރަނގަޅުވާނެ އެވެ.
މީގެ އިތުރުން ކެއުމުގައި މޭވާގެ ބާވަތްތައް އިތުރުކުރާށެވެ. ފަޅޯ، ބެރީޒް، ކިވީ އަދި އިމިއުން ސިސްޓަމްގެ ބާރުގަދަކުރަން ކެއުން އެންމެ ރަނގަޅު މޭވާތަކުގެ ތެރޭގައި ހިމެނޭ އެއްޗިއްސެވެ. ކެއުމުގައި ޕްރޮޓީން އެކުލެވޭ ކާނާ ގިނަކުރާށެވެ. ވައިރަހެއް ހަށިގަނޑަށް ވަނުމުން އޭގެ އަސަރު ޓިޝޫތަކަށްކޮށް ސެލްތައް ހަލާކުކޮށްލަ އެވެ. ޕްރޮޓީން އަކީ ހަލާކުވާ ޓިޝޫތައް އަވަހަށް މަރާމާތުކުރަން އެހީވެދޭ އެއްޗެކެވެ. ކޮންމެ ވަގުތެއްގެ ކެއުމުގައި ވެސް ކޮންމެވެސް ވަރަކަށް ޕްރޮޓީން އެކުލެވޭ ކާނާ ހިމެނޭކަން ޔަގީންކުރާށެވެ.
ސަންފްލާވާ ސީޑް އަދި ބަރަބޯ އޮށަކީ ވެސް އިމިއުން ސިސްޓަމް ވަރުގަދަ ކުރާ އެއްޗިއްސެވެ. އަދި ލޮނުމެދަކީ ވެސް ދިފާއީ ނިޒާމު ވަރުގަދަކުރަން ކާން ރަނގަޅު އެއްޗެކެވެ. ލޮނުމެދު ރޮލާ ހުއްޓާ ވެސް ކެވިދާނެ އެވެ. ނުވަތަ ލޮނުމެދާއި އިނގުރު ފެންފޮދެއްގައި ކައްކާ ސަޔެއް ވެސް ތައްޔާރު ކުރެވިދާނެ އެވެ. ސިއްހަތަށް ފައިދާހުރި ސޫޕެއް ވެސް ރަނގަޅެވެ. މިފަދަ ސޫޕެއް ކައްކާއިރު ކެބޭޖް، ބްރޮކޮލީ، ކޯލީފްލާވާ، ސްޕިނެޗް، ޓޮމޭޓޯ، ފިޔާ، އިނގުރު، ލޮނުމެދު، ބަރަބޯ އަދި ރީނދޫ ބޭނުންކުރާށެވެ.