ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމްގެ ތާއީދު ދެއްވަން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީ އެދި ވަޑައިގެންފި އެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ކަމާއި އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވެވި އަލްހާން ފަހުމީ ޓްވީޓް ކުރައްވާ ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްއާރްއެމާއި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވެސް އަދި ތާއީދާއެކު ވެސް ބޭފުޅަކު މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ނުކުރައްވާތީ އެ ދެ ޕާޓީގެ ލީޑަރުންނާއި މެންބަރުންގެ ތާއީދު އަލްހާނަށް ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަަށެވެ.
އަލްހާން އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ މިހާރު އެމްއާރްއެމްގެ ރައީސް ކަން ކުރައްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކުގަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ވެސް އަލްހާނާ ގާތްކަމެއް އޮންނަ ބޭފުޅެކެވެ. އަދި މީގެ ކުރިން އަލްހާން ވަނީ އެ ޕާޓީގެ ލީޑަޝިޕްގެ މަގާމެއް ވެސް ފުރުއްވާފަ އެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ އަލްހާންގެ އިތުރުން ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ އަނަސް އަބްދުއް ސައްތާރެވެ.