ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އާންމު މެންބަރުން މަޑުން ނުތިބެ އެ ޕާޓީ އާއި އެމްޑީޕީގެ ސަރުކާރުން ކުރާ މަސައްކަތްތަކާއި ވައުދުތައް ތަންފީޒު ވަމުންދާ މިންވަރު ދައްކައިދޭން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި ކުރިއަށްދާ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ލީޑާޝިޕަށާއި އާންމު މެންބަރުންނާ ގުޅުވައި ތަފާތު ދޮގު ވާހަކަތައް ދައްކަމުން ދާއިރުގައި ވެސް އެމްޑީޕީގެ އާންމު މެންބަރުން ތިބީ ހިންދެމި ހަމަޖެހިގެން ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް ކަން ކުރެއްވި ނަޝީދު މިއަދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އާންމު މެންބަރުންނާއި އަންހެނުންގެ ރޫހުގެ މެންބަރުން ހަމަޖެހިގެން ތިބުމަކީ އެ ޕާޓީގެ މެންބަރުންގެ ސާބިތުކަން ދައްކައިދޭ ކަމަކެވެ.
"އަޅުގަނޑަށް ޔަގީން ތި ބޭފުޅުންގެ ފަރާތުން މި ރިވެތި ދީނީ އަހުލާގް، އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިފެހެއްޓިފައި މި ހުންނަނީ. މި ޕާޓީގެ އެންމެ ބޮޑު އެއް ރައުސުލް މާލަކީ އެމްޑީޕީ މެންބަރުންގެ ސާބިތުކަން... ކޫލްކަން. ހިފަހައްޓާލައިގެން ތިބޭ ކަން. ހާސް ނާރައި އުޅޭ ކަން. ކަންބޮޑުވެގެން ނޫޅޭ ކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މެންބަރުން ހަމަޖެހިލައިގެން ތިބި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ކެމްޕޭން އެމްސެޑަރުންނާއި އަންހެނުންގެ ރޫހުގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒުވަމުންދާ ވަރު ސާފުކޮށް ދައްކައިދޭން ޖެހޭ ކަމަށެވެ.
"މަސްވެރިޔަކު، ދަނޑުވެރިޔަކު، އާންމު ރައްޔިތަކު ކަމަކާ ކަން ބޮޑުވުން ފާޅުކޮށްގެން ތިޔަ ބޭފުޅުން [ކެމްޕޭން އެމްބެސަޑަރުން] އިތުރަށް އެ ކަންބޮޑުވުމާ ބައިވެރިވެގެން އެ ވާހަކަ ދައްކަމުން ދިއުން އެއީ އޮންނަ ގޮތެއް ނޫން. އެއެއް ނޫން މި އެދޭ ގޮތަކީ. ތިއީ އެމްޑީޕީގެ އެމްބެސަޑަރުން. ތި ބޭފުޅުން ހޯއްދަވައި ދެއްވަންވީ ހައްލު. ހައްލު ކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތް ދައްކުވައިދޭން ވާނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުގައި އޮތީ މުޅިން ވެސް ވައްކަމާއި ކޮރަޕްޝަން ކަމަށާއި އިދިކޮޅު ޕީޕީއެމްގެ އެ ސަރުކާރުގައި ވެފައިވާ ވައުދުތައް ފުއްދިގެން ވެސް ނުދާ ކަމަށެވެ. މުޅިން ވެސް އެ ޕާޓީގެ ވެރިން ދެއްކެވި ވާހަކައަކީ "އެ ފައިސާ ވަން ގޮތާއި މި ފައިސާއަށް ވަމުންދާ ގޮތް،" ކިޔައިދެއްވުން ކަމަށެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އެމްޑީޕީ ނުކުމެ އޮތީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދޭން ކަމަށެވެ. އެމްޑީޕީގެ އާންމު ސަޕޯޓަރުންނަކީ ވެސް އެ މައްސަލަ ހައްލު ވުމުގެ އުއްމީދުގައި ތިބި ބަޔަކަށް ވާތީ ސަރުކާރުގެ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުވާ މިންވަރު ސާފުކޮށްދޭން ގިނަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"މިހާ ހިސާބަށް [ސަރުކާރަށާއި ސުޕަ މެޖޯރިޓީއާއެކު މަޖިލީހަށް] އަޅުގަނޑުމެން ގެނެސްދީފައި ވަނީ ވެސް އެމްޑީޕީގެ އާންމު މެންބަރުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެންބަރުން، ތި ބޭފުޅުން ކުރި ވަރެއް މި ޕާޓީއަށް ވަމުން ދާނީ. ތި ބޭފުޅުން މުގުލުގައި ތިއްބަވައިގެން ތި ބޭފުޅުން ކުރި މަސައްކަތެއް މި ކަމުގައި އޮންނާނީ. އޭގެ ނަތީޖާއެއް އަޅުގަނޑުމެންނަށް ލިބޭނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.