ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލަތަށް މިތިބީ ފުރިހަމައަށް ތައްޔާރުވެ: ސަލާމަތީ ބާރުތައް

Mar 7, 2020
1

ކޮރޯނާ ވައިރަހާ ގުޅިގެން ދިމާވާނެ ކަންކަމަށް ސިފައިންނާއި ފުލުހުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް ބުނެފި އެވެ.

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ރާއްޖޭގެ ލެވެލް ވަނީ ޔެލޯ އެލާޓަށް މަތިކޮށްފަ އެވެ.

އެކަމާ ގުޅިގެން މިރޭ އެސްޓީއޯ އާއި ސަލާމަތީ ބާރުތަކުން ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްއިން ބުނީ މި ހާލަތަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކަށް ތިބީ ތައްޔާރަށް ކަމަށެވެ. ފުލުހުން ވެސް ބުނީ ތިބީ ޔައްޔާރަށް، ކަމަށާއި އެހެން އިދާރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި އިލްތިމާސްއަކީ މިކަމާ ގުޅޭ ސައްހަ މައުލޫމާތު ނޫނީ އާންމު ނުކުރުން ކަމަށް ވެސް ބުންޏެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަހުގެ އަލާމާތް ކަމަށް ބެލެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ އެ މީހަކު ގޭގައި މަޑުކުރުމަށްފަހު އިދާރާތަކަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އޭރުން އެ މީހެއްގެ ގާތަށް އިދާރާތަކުން ދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބި މީހުންނާމެދު އަމަލު ކުރާ ގޮތްތައް ވެސް އާންމު ކުރަމުންދާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިރޭ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށާއި ގޮތްތަކެއް ވެސް ނިންމާނެ ކަމަށެވެ. ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ހެލްތް މިނިސްޓަރު ވިދާޅުވީ ރައްޔިތުން އަމަލު ކުރަންވީ ގޮތް ސަރުކާރުން އަންގަމުންދާނެ ކަމަށާއި އިރުޝާދާ ހިލާފަށް ޕެނިކްގައި އަމަލު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން ސަމާ އައިލެންޑް ރިސޯޓް ވެސް ލޮކްޑައުންކޮށް ދެ ފަތުރުވެރިޔަކާއި ދެ މުވައްޒަފަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ.