ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލައިފި

Mar 7, 2020
1

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ޕްޒިޓިވްވުމާ ގުޅިގެން، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން މަޑުޖައްސާލައިފި އެވެ.

އެމްޑީޕީން ކުރި ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 ގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިރޭން ފެށިގެން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

ސަރުކާރު ކޯލީޝަންގައި ހިމެނޭ އެމްޑީޕީން 876 ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. "ރަށްވެހި ފަތިސް"ގެ ނަމުގައި އެމްޑީޕީގެ ކެމްޕެއިން ފަށާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ގެންދަވަނީ އަތޮޅު ތެރެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

ވައިރަހަށް ޕޮޒިޓިވް ކޭހެއް ފެނުމުގެ ކުރިންވެސް، ގިނަ ބަޔަކާއެކު އެއްވުންތައް ބާއްވަމުން ގެންދިޔުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އެމްޑީޕީއަށް އަމާޒުވެފަ އެވެ. އަދި އަންނަ މަހު ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލު އިންތިހާބު ފަސްކުރުމަށްވެސް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފަ އެވެ.

ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އެއީ ތިންވަނަ ލެވެލް އެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުންނަށް ނޭރޭ ގޮތަށް ބަންދު ކުރީ އިއްޔެ އެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާ ވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ. އެ މައުލޫމާތާއެކު އެ ރިސޯޓްގައި ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރި ދެ މުވައްޒަފަކު، ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނުކުރި އެވެ. އޭގެ ތެރޭގައި އެ ރިސޯޓްގެ ޑޮކްޓަރު ވެސް ހިމެނެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.