ބަތަލާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ ޓޫރިސްޓަކު، ކޮރޯނާ ވައިރަހަށް ޝައްކުވެގެން ކަރަންޓީނުކޮށްފި އެވެ. އޭނާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ރިސޯޓް މިހާރު ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް، ލޮކްޑައުންކޮށްފަ އެވެ.
މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ އެ ރަށަކުން ކޮރޯނާ ވައިރަހަށް ޝައްކުވާ މީހަކު ފެނިއްޖެނަމަ ލޮކްޑައުން ކުރުމެވެ. މިއީ މިގޮތަށް ލޮކްޑައުން ކުރި ހަތަރު ވަނަ ރަށެވެ.
ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ބުނީ އެ ޓޫރިސްޓްގެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކޮރޯނާ ވައިރަހަށް ރާއްޖޭގައި މިހާރު ޓެސްޓް ކުރެވޭއިރު މިހާތަނަށް 33 މީހަކު ޓެސްޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.
އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.
މިއަދުގެ ވަގުތެއްގައި ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފްރާންސްގެ ދެ މީހެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ދެ މީހުން މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އެމީހުންގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބެ އެވެ. އެ ރިސޯޓް ވެސް މިހާރު އޮތީ މީހުންނަށް އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ރިސޯޓްގެ ޑޮކްޓަރާއި އިތުރު މުވައްޒަފެއްގެ ގައިން ވެސް އަލާމާތްތައް ފެންނާތީ ވަނީ ކަރަންޓީނު ކޮށްފަ އެވެ.