ސަމާ އައިލެންޑް ރިސޯޓްގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓްތައް ހެދި ހަތް މީހުންގެ ނަތީޖާ ވެސް ނެގަޓިވްވުމުން އެ ރަށަށް އަޅާފައިވާ ލޮކްޑައުން ފިޔަވަޅު އުވާލައިފި އެވެ.
އެ ރިސޯޓް ލޮކްޑައުންއަށް ގެނައީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފްރާންސްގެ ދެ ޓޫރިސްޓެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެންނެވެ. އޭގެ ފަހުން އެ ރަށުގެ ބައެއް މުވައްޒަފުންގެ ފަރާތުން ވެސް ވަނީ އަލާމާތްތައް ފެނިފަ އެވެ.
އެހެންވެ އެ އެންމެންގެ ޓެސްޓްތައް މިއަދު ހެދި އެވެ. ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިން މިރޭ ބުނީ އެ އެންމެންގެ ޓެސްޓްގެ ނަތީޖާ ވެސް ނެގަޓިވް ކަމަށެވެ. ރަށަށް އަރާ ފޭބުމަށް މިހާރު ހުރަހެއް ނޯންނާނެ ކަމަށެވެ.
ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓްވެފައިވަނީ ދެ މީހެކެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.
އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ބަތަލާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ވަނީ ވައިރަހުގެ އަލާމާތްތައް ފެނިފަ އެވެ. އެހެންވެ އެ މީހާ ކަރަންޓީނުކޮށް ރަށް ވަނީ ލޮކްޑައުންކޮށްފަ އެވެ.