ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިޓަލީގައި 16 މިލިއަން މީހުން ކަރަންޓީނަށް

Mar 8, 2020

މިލާން (މާޗް 8) - އިޓަލީގައި އާ ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އެގައުމުގެ އެކި ސަރަހައްދުތައް އަންނަ މަހާ ހަމައަށް ބަންދުކޮށް، ގާތްގަނޑަކަށް 16 މިލިއަން މީހުން ކަރަންޓީނު ކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން އުފަންވެގެން ބާރު ދުވެލީގައި މުޅި ދުނިޔެއަށް ފެތުރުމުންދާ އާ ކޮރޯނާ ވައިރަހުގެ އަސަރު އިޓަލީއަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ބަލި ހަލުވި މިނުގައި ފެތުރެމުން ދާއިރު، އިޓަލީން މިހާރު ވަނީ ޖިމްތަކާއި، ޕަބްލިކް ސްވިމިން ޕޫލްތަކާއި، މިއުޒިއަމްތަކުގެ އިތުރުން ބައެއް ސްކީ ރިސޯޓުތައް ވެސް ބަންދުކޮށްފަ އެވެ.

އަދި އެ ލޮކްޑައުންގެ ދަށުން، ކައިވެނި ހަފްލާތަކާއި ޖަނާޒާތައްވެ ސް ނުބޭއްވުމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިލާންގެ އިތުރުން ޓޫރިސްޓުންގެ މެދުގައި މަގުބޫލު ވެނިސްވެސް ވަނީ ލޮކްޑައުންގަ އެވެ.

އިޓަލީގައި ކޮވިޑް-19 ގެ ނަން ދީފައިވާ އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 5،800 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 230 މީހުން ވަނީ މަރުވެފަ އެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

އާ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 100،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3،381 އަށް އަރައިފަ އެވެ.

އެގޮތުން، ޗައިނާ އިން ބޭރުވެގެން އެ ވައިރަސް މިހާތަނަށް 91 ގައުމަކުން ވަނީ ފެނިފަ އެވެ. ޗައިނާ ނޫން އެހެން ގައުމަކުން އެ ވައިރަހުގެ އެންމެ ގިނަ ކޭސްތައް ރިޕޯޓު ކޮށްފައި ވަނީ ދެކުނު ކޮރެއާ އިންނެވެ. އެ ގައުމުން މިހާތަނަށް 7،000 ވުރެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ތެރެއިން 44 މީހުން ވަނީ މަރުވެފަ އެވެ. ދެކުނު ކޮރެއާގެ އިތުރުން، ދެން އެންމެ ގިނަ ކޭސްތައް ރިޕޯޓު ކޮށްފައިވަ ނީ އިރާނުގެ އިތުރުން އިޓަލީންނެވެ.