ކޮވިޑް-19 އިގެ ބަލި މީހުން ކަރަންޓީނު ކޮށްފައި ބޭތިއްބުމަށް 30 ކޮޓަރި ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އައިސޮލޭޝަން ފެސިލިޓީޒްއެއްގެ ގޮތުގައި ރަށެއް ހާއްސަ ކޮށްފި އެވެ.
މާލެއާ މާ ދުރުނޫން ހިސާބެއްގައި ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ގާއިމް ކުރި ކޮވިޑް-19 އިގެ އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ކޮރޯނާގެ ބަލިމަޑު ކަމާ ކުރިމަތިލައި ތައްޔާރުވުމުގެ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީން ކުރި މަސައްކަތެއް ކަމަށެވެ.
"މިއީ ދުރާލާ ކުރި މަސައްކަތުގެ ނަތީޖާ. މިކަން ކޮށްފައިވަނީ 10 ދުވަހުގެ ތެރޭގައިު ޓޫރިޒަމް ޓްރަސްޓް ފަންޑުން،" އަލީ ވަހީދު ވިދާޅުވި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދިޔަ، މި ރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކޮވިޑް-19 އިގެ ބަލި މީހުންނަށް ހާއްސަ ފެސިލީޓީއަކަށް ބަދަލު ކޮށްފަ އެެވެ. ކޮވިޑް-19 އިގެ ބަލި މީހުނަށް ހާއްސަ ކުރަން ވިލިވަރު ދީފައި ވަނީ ރަށުގެ ވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ޖަނާހު ވިދާޅުވީ ވިލިވަރު ސަރުކާރަށް ދިނީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ތިން މަސް ދުވަހަށް ކަމަށެވެ.
"ރަށުގެ މަސައްކަތް ހުއްޓާލާފަ ހުރިހާ މީހުން ބާލައި ތިން މަހަށް މި ރަށް ސަރުކާރަށް ދިނީ މިހާރުގެ ހާލަތުން ސަރުކާރުން އެންމެ އެހީތެރިކަން ބޭނުންވާނެ ވަގުތަކީ މިއީ ކަމަށްވާތީ. ސަރުކާރުން އެދިއްޖެނަމަ އަދި ވެސް އިތުރަށް މުއްދަތު ލިބޭނެ،" ޖަނާހު ވިދާޅުވި އެވެ.
ވިލިވަރަކީ މީގެ ކުރިން ވެސް ޖުޒާމް ބައްޔާއި ފައިލޭރިއާގެ މީހުން އެކަހެރިކޮށް ބައިތިބި ރަށެކެވެ.