ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރި ފަހުން ރާއްޖެ އިން 3000 ޓަނުގެ މަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އެކްސްޕޯޓް ކޮށްފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަވަސް އަށް ވިދާޅުވީ މިހާތަނަށް 3،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިހާރު ވެސް 2،700 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރަން ބަރު ކުރަމުންދާ ކަމަށެވެ.
"މަސް އެކްސްޕޯޓް ކުރި ނަމަވެސް ދުނިޔޭގައި މަހުގެ އަގު ދަނީ ދަށްވަމުން. ގިނަ ގައުމުތައް ލޮކްޑައުންގައި އޮތުމާއެކު ޑިމާންޑް ދަމުންދާތީ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ކަމަށާ ނަމަވެސް މޫސުން ގޯސްވުމުން މަސްވެރިން މަހަށް ފުރާ އަދަދު މަދު ކަމަށެވެ.
"މަސްވެރިންގެ ގިނަ އަދަދެއްގެ ބަޔަކު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މަހަށް ނުކުންނާނެ. މިހާރު ވެސް ދުވާލެއްގެ މައްޗަށް 60 ޓަނުގެ މަސް އެކްސްޕޯޓް ކުރޭ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސް ދަޅުގެ އޯޑަރު ތަކަށް މަސް ބަންދު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
"މަސް ދަޅު ބަންދު ކުރުމާއި މިކަމަށް ބޭނުންވާ މެޓީރިއަލް ލިބުމުގައި ޑިލޭތަކެއް އުޅޭ ކޮވިޑް-19 އާ ގުޅިގެން. އެކަމަކު އެވެސް ލިބޭ. މިހާރު ވެސް ބަންދަރުގައި މީގެ ޝިޕްމަންޓެއް އެބައޮތް،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯއަކީ ރާއްޖެ އަށް ބާނާ މަހުގެ ބޮޑު ބައި ގަންނަ ކުންފުންޏެވެ. މިފްކޯ އިން ލޮކްޑައުން ކުރި ފަހުން މަސްވެރިންގެ އަތުން ގަނެފައި ހުރި މަހަށް ފައިސާދީ ހަލާސްކޮށްފަ އެވެ. މި ފައިސާގެ އަދަދު 80 މިލިއަން ރުފިޔާ އަށް ވުރެ އިތުރެވެ.