ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިފްކޯ

މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދީފި

މަސްވެރިން ކިރުވާފައިވާ މަހަށް ނުދީހުރި ފައިސާގެ ތެރެއިން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދީފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 26 އިން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ނުދީ ހުރި 70 މިލިއަން ރުފިޔާ ދޭން ފައިސާ ފޮނުވާފައިވާ ކަމަށެވެ.

"މުޅި ޖުމްލަ ނުދީ އެބަހުރި 80 މިލިއަން ރުފިޔާ ވަރު، ބާކީ ފައިސާ ވެސް ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން. ފްލައިޓް އޮންނަ ގޮތެއް ބަލާފައި އެ ފައިސާ ވެސް ފޮނުވަން މަސައްކަތް މި ކުރަނީ،" އިސްމާއިލް ވިދާޅުވި އެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގެ މަސައްކަތް މިފްކޯ އިން ކުރަމުން ދާއިރު، މި ދުވަސްވަރު މަސްވެރިކަން ވެސް ރަނގަޅެވެ. މިހާރު އެވްރެޖު ގޮތެއްގައި 300 ޓަނުގެ މަސް މިފްކޯ އަށް ދަނީ ކިރުވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އެއްކޮށް ހުއްޓިފައި ވާތީ، މިހާރު ސަރުކާރަށް އާމްދަނީ ލިބޭނެ އޮތީ ހަމައެކަނި މަސްވެރިކަމެވެ. އެހެންވެ ސަރުކާރުން ވަނީ މަސްވެރިންނަށް ހާއްސަ އިންތިޒާމެއްގެ ދަށުން މަހަށް ފުރަން ހުއްދަ ދީފަ އެވެ.