ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓޫރިސްޓުންނާއި ސްޓާފުންނަށް ބޭނުންވާ ޒަރޫރީ ތަކެތި އެބަހުރި: ކުރެއްދޫ

Mar 8, 2020

ކޮރޯނާ ވައިރަސް ޖެހިފައިވާ ދެ މީހަކު ފެނުމާ ގުޅިގެން، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވީ ނަމަވެސް، އެ ރަށުގައި މިވަގުތު ތިބި ފަތުރުވެރިންނާއި މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ޒަރޫރީ ތަކެތި އެބަހުރި ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފަކަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ސަރުކާރުން މިހާރު ކުރެއްދޫ އައިލެންޑް ރިސޯޓު އޮރެންޖު އެލާޓަށްލާފައިވާއިރު، އެ ރިސޯޓުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެންމެ ބޮޑު އިސްކަމެއްދެނީ މުވައްޒަފުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

އޮރެންޖު އެލާޓްގެ ދަށުން ރަށުގައި އަމަލުކުރާނެގޮތް

  • ކޮންމެހެން ކުރަންނުޖެހޭ އޮޕަރޭޝަންތައް ފަސްކުރުން.
  • އަސަރުކޮށްފައިވާ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރުން.
  • ކޮންމެހެން ބާއްވަންޖެހޭ އެއްވުންތައް ނޫނީ ނުބޭއްވުން.
  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ ފެރީ ދަތުރުތައް ލިމިޓުކުރުން.
  • އެ ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ ފޯރުކޮށްދިނުން.
  • ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް ގޭގައި ކަރަންޓީނު ކުރުން.
  • ކޭސްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި ލަފާ ފޯރުކޮށްދިނުން.

އެ ރިސޯޓުން އިތުރަށް ބުނީ ކަރަންޓީނުން ރަށް ވީއްލެންދެން ކުރެއްދޫ އަށް އެއްވެސް ފްލައިޓެއް ނުބާއްވާނެ ކަމަށެވެ.

"ރަށުގައި ތިބި މީހުންނަށް ބޭނުންވާ ވަރަށް ޒަރޫރީ ތަކެތި އެބަހުރި. ހުރިހާ މުވައްޒަފުންނާއި ފަތުރުވެރިންގެ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓެނޭކަމުގެ ޔަގީންކަން އެބައޮތް،" ކުރެއްދޫ ރިސޯޓުން ބުންޏެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.