ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ކޮވިޑް 19ގެ ބިރު، އެތުލެޓިކްސްގެ ހަރަކާތްތައް ކެންސަލް

ރާއްޖެއިން، ކޮވިޑް 19 ފެނުމުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ހަރަކާތްތައް ކެންސަލް ކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަން މެދުވެރިކޮށް އެތުލީޓުން ބޭރަށް ފޮނުވުމާއި، އަންނަ މަހުގެ ނިޔަލަށް އެ އެސޯސިއޭޝަނުން ބައިވެރިވާން ހަމަޖެހިފައިވާ މުބާރާތްތަކުގައި ވާދަ ކުރުންވެސް މެދުކަނޑާލުމަށް އެ އެސޯސިއޭޝަންގެ އެކްސްކޯ އިން ނިންމާފައިވާ ކަމަށެވެ.

ކުޑަކުދިންނާއި އެތުލީތުންނަށް ހިންގާ ޓްރެއިނިން ޕްރޮގްރާމްތައްވެސް އެސޯސިއޭޝަނުން ހުއްޓާލާފައި ވުމުން، އެ އެސޯސިއޭޝަންގެ މެންބަރު ކުލަބުތަކުންނާއި އެކެޑެމީތަކުންވެސް އެގޮތަށް އަމަލު ކުރުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އަންގާފަ އެވެ.

ކޮވިޑް 19 ގެ ބިރުވެރިކަން ކެނޑި އާންމު ހާލަތަކަށް އެޅުމުން އެސޯސިއޭޝަން ކެންސަލް ކުރި މުބާރާތްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ރީޝެޑިއުލް ކޮށް އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ކަންކަން އަލުން ފަށާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެތުލެޓިކްސްގެ ޖޫނިއާ ޗެމްޕިއަންޝިޕް މިއަދު އައްޑޫގައި ފަށާ ގޮތަށް އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިން ވަނީ ތާވަލު ކޮށްފަ އެވެ. ނަމަވެސް ރޭ އެކްސްކޯއިން ނިންމުމާއެކު އެ މުބާރާތްވެސް މިހާރު ވަނީ ފަސް ކޮށްފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ އިތުރުން، ބައެއް އެހެން އެސޯސިއޭޝަންތަކުންވެސް ވަނީ ސްކޫލް ކުދިންގެ ކުޅިވަރު މުބާރާތްތައް ކެންސަލް ކޮށްފަ އެވެ. ބާސްކެޓްބޯލް އެސޯސިއޭޝަން އެމްބީއޭއިން ބުނީ، ވަކި އެއްޗެއް އަންގަންދެން ބާސްކެޓްގެ ވައިޑީޕީ ހަރަކާތްތައް ހުއްޓާލާފައިވާ ކަމަށެވެ.

ކޮވިޑް 19 އަށް ކުރެއްދޫ ރިސޯޓްގައި ވަޒީފާ އަދާ ކުރަމުން ދާ ދެ މީހުން ޕޮޒެޓިވް ވުމުން، ރާއްޖެއިން ވަނީ އެހާލަތާ ކުރިމަތި ލުމަށް ޔެލޯ އެލާޓް ނެރަފަ އެވެ.