ކުޅިވަރު

އެފްއޭއެމްގެ ޓާފްގެ ލައިޓިން ސިސްޓަމަށް ޒަމާނީ ބަދަލެއް

ކުޅިވަރު އެކުވެނީގައިވާ، އެފްއޭއެމްގެ ޓާފް ދަނޑުތަކުގެ ލައިޓިން ސިސްޓަމް އެއްކޮށް ބަދަލުކޮށް، ޒަމާނީ ލައިޓިން ސިސްޓަމެއް ހަރު ކުރުމަށް އެފްއޭއެމުން ތައްޔާރު ވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާއެކު ފުޓްބޯޅައިގެ ތިން މަޝްރޫއެއްގައި ސޮއި ކުރުމަށް ބޭއްވި ހަފުލާގައި، އަވަސްއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޓާފް ދަނޑުތަކުގެ ލައިޓިން ސިސްޓަމާއި ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކުންފުންޏަކަށް އެވޯޑް ކުރުމުގެ މަރުހަލާއަށް ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ މިހާރުއިން ކޭބަލިން އާ ލައިޓިން ސިސްޓަމް ބޭނުންކޮށްގެން ކުރިއަށްދާން، އެހެންނަމަވެސް މަރާމަތު ކޮށްގެން ކޮންމެ ފަހަރަކުވެސް ކުރިއަށްދާއިރު ކޮންމެވެސް މުއްދަތަކަށް ފަހު އަނެއްކާވެސް ލައިޓް ނުދިއްލުމާ އެހެން މައްސަލަތައް ކުރިމަތިވޭ،" ބައްސާމް ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެން ބެލިބެލުމުން މިޖެހެނީ މުޅި ކޭބަލިން ސިސްޓަމްވެސް އެއްކޮށް ބަދަލު ކުރަން، އެހެންވީމަ އަޅުގަނޑުމެން ވާނީ ބަޔަކަށް އެވޯޑްވެސް ކުރެވިފަ ޓާފް ވަންގެ ސިސްޓަމް ފީފާ ޕްރޮޖެކްޓެއްގެ ތެރެއަށް ހިމަނައިގެން ކުރިއަށްދާން."

އޭނާ ވިދާޅުވީ ލައިޓިން ސިސްޓަމަށް ބޭނުންވާ ލެޑް ލައިޓްތައްވެސް މި މަސްތެރޭ މާލެ އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޓާފް އެކެއްގެ މަސައްކަތް ނިމުމުން ޓާފް ދޭއް ގެ ލައިޓިން ސިސްޓަމް ބަދަލު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މިހާރުގެ ލައިޓިން ސިސްޓަމަކީ 2004 ވަނަ އަހަރު ހަރުކޮށްފައިވާ ސިސްޓަމެއް ކަމަށާއި އެ ސިސްޓަމަށް ބޭނުން ކޮށްފައި ވަނީވެސް ވަރަށް ކުރީގެ ކޭބަލް ކަމަށެވެ. އަދި މިހާރުގެ ސިސްޓަމްގައި ހަރުކޮށްފައި ވަނީ ފިލަމެންޓް ލައިޓްކަން އޭނާ ފާހަގަ ކުރި އެވެ. އާ ސިސްޓަމްގައި ބޭނުން ކުރާނީ ލެޑް ލައިޓެވެ.

ޖަވާޒު އިތުރަށް ވިދާޅުވީ، އަނެއްކާވެސް މަރާމާތު ކުރަން ވެއްޖެނަމަ އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށާއި، އެހެންވެ އެފްއޭއެމްގެ މަގުސަދަކީ ފީފާ ނުވަތަ އޭއެފްސީ ޕްރޮޖެކްޓެއްގެ ދަށުން ޒަމާނީ ލައިޓިން ސިސްޓަމެއް ޓާފް ދަނޑުތަކުގައި ގާއިމު ކުރުން ކަމަށެވެ.

ސްކައި ވިންޑް ގުލޯބަލް ކުންފުންޏާއެކު އެފްއޭއެމުން ވަނީ ރާއްޖޭގައި 20 ޓާފް ދަނޑު އެޅުމަށް އެއްބަސްވުން ހަދާފަ އެވެ. ބައްސާމް ވިދާޅުވީ އެދަނޑުތަކުގެ މަސައްކަތް ނިންމާނީ ލައިޓިން ސިސްޓަމްވެސް ހަރު ކުރުމަށް ފަހުގައި ކަމަށެވެ. އެ 20 ދަނޑުގެ ތެރއިން 17 ދަނޑު އަޅާނީ ރާއްޖެތެރޭގެ ރަށްރަށުގަ އެވެ.