ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހެޔޮނުވާނެ، ރައްޔިތުން ހަމަޖެހޭ!

Mar 8, 2020
9

ކޮންމެ ފިހާރައެއް ބަލާލިޔަސް މިހާރު އެ ވަނީ ކާޑުގެ ބޮޑު ބައެއް ވިކިފަ އެވެ. މާސްކުތަކާއި ހޭންޑް ސެނެޓައިޒާތައް ފިހާރަތަކުންނާއި ބޭސް ފިހާރަކުން ވެސް ރެއިން ރެއަށް ހުސްވީ އެވެ. ގިނަ މީހުން ގޭގޭގައި ގޮސް "ގުދަން"ކުރީ އެވެ. އެކަމަކު، ރައްޔިތުންނޭ! އަދި އެ ދަރަޖައަށް ހާސްވެ އުޅޭ ވަރެއް ނުވެ އެވެ.

ކޮރޯނާ ވައިރަހަށް ރާއްޖޭގައި ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މުވައްޒަފުންގެ ފަރާތުން އިތުރު ބަޔަކަށް ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ހަންޏެވެ. އެމީހުން މިހާރު އެ ތިބީ އެކަހެރިކޮށްފަ އެވެ. އަދި މުޅި ކުރެއްދޫ ރިސޯޓް ވެސް އެވަނީ ލޮކްޑައުންގަ އެވެ. ކޮރޯނާ ވައިރަހަކީ ކޮންޓެކްޓެއް ވެގެން ފެތުރޭ ވައިރަހެކެވެ.

ރޭ ސަރުކާރުން އެ ދެ މީހުން ވައިރަހަށް ޕޮޒިޓިވްވިކަން ހާމަ ކުރުމާއެކު، ރާއްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވި އެވެ. އެއީ އެކަން ވާނެ ވެސް ގޮތެވެ. ނަމަވެސް ސަރުކާރުން ވެސް އެދެމުން ދިޔައީ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށެވެ. ޕެނިކްގައި މާ ހިތް އަވަސްކޮށް ކަންކަން ނުކުރުމަށެވެ. ސަރުކާރުން އެހެން އެދުމުން ދިޔަސް، މިހާރު ވެސް ފިހާރަތަކުން ފެންނަނީ އެ މަންޒަރެއް ނޫނެވެ. މާލޭގެ އިތުރުން ރަށްރަށުގައި މީހުން ގެންދަނީ ގޭގައި ގުދަން ކުރަމުންނެވެ.

އެސްޓީއޯއިން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އާންމުކޮށް ކައި އުޅޭ މިންވަރުން ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާޑު ހުސް ނުވެ ހުންނާނެ ކަމަށެވެ. އޭގައި އެއްވެސް ދައްޗެއް ނެތެވެ. ނަމަވެސް ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ގޭގެއަށް ގިނަ އަދަދުން ކާޑު ވައްދާނަމަ، ރަށްރަށަށް ކާޑު ފޯރުކޮށްދީފައި ބަހައްޓަންވީ މިންވަރާއި މިހާރު ރާއްޖޭގައި ކާޑުގެ މިންވަރު ހުރި ވަރު ސަރުކާރަށް ވެސް އޮޅޭނެ ކަމަށެވެ. އޭގެ ސަބަބުން ވެސް ފަހުގެ ހާލަތެއްގައި ދައްޗާ ކުރިމަތިވާނީ ހަމަ ރައްޔިތުންނަށެވެ. އޭރަށް ހަގީގަތުގައި ވެސް ޕެނިކް ހާލަތަށް ދާން ޖެހިދާނެ އެވެ.

މިވަގުތު ގެއިން ބޭރަށް ނުނުކުމެ، ގޭގައި ތާށިވެފައި ތިބުމުގެ ހާލަތެއް ނެތެވެ. ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި، ސާފުތާހިރުކަން އިސް ކުރުމަކީ މި ވަގުތަށް މުހިންމު ފިޔަވަޅުތަކެވެ.

ބޭސް ވެސް ހަމަ އެހެނެވެ. ހުން ބޭސް ފަދަ ބޭސްތައް ގަނެފައި ގޭގައި ބަހައްޓަން މީހުން އެބަ އުޅެ އެވެ. އޭގެ ބަދަލުގައި ހުން އަންނަ މީހުންނަށާއި ހުން އައިސް ތިބި މީހުންނަށް އެ ބޭސްތައް، ބޭސް ފިހާރަތަކުގައި ބެހެއްޓުން ރަނގަޅެވެ.

މިހާރު އެއްވެސް ފިހާރައަކަށް ދިޔަސް ފޭސްކު މާސްކާއި ހޭންޑް ސެނެޓައިޒާއެއް ނުލިބެ އެވެ. ހުރިހާ އެއްޗެއް ވިކި ހުސްވީ އެވެ. މި އެއްޗެހި ވިކި ހުސްވީ މާސްކު އެންމެން އެޅުން މުހިންމު ނޫން ކަމަށް ޑޮކްޓަރުން ވެސް ބުނަމުން ދަނިކޮށެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މާސްކު އެންމެން އެޅުން މުހިންމެއް ނޫނެވެ. މާސްކު އަޅަންވީ ހުން އަންނަ މީހުނެވެ. ކެއްސާއި ކިނބިހި އަޅާނަމަ، ޓިޝޫ ބޭނުން ކުރެވިދާނެ އެވެ. މާސްކުތައް ހުސްނުކޮށް، ގޭގޭގައި ރައްކާނުކޮށް އެ އެންމެން ބޭނުންވާ މީހުންނަށް ބެހެއްޓުމަކީ އެންމެންގެ ރައްކާތެރިކަމަށް ވެސް އޮތް ގޮތެވެ. ސެނެޓައިޒާ ވެސް ހަމަ އެހެނެވެ. ސެނެޓައިޒާގެ ބަދަލުގައި ސައިބޯނި ލައިގެން ވެސް ގޭގައި އަތްދޮވެވިދާނެ އެވެ. ސެނެޓައިޒާތައް ހޮސްޕިޓަލާއި ގިނައިން މީހުން ދާ ތަންތަނަށް ބަހައްޓަންވީ އެވެ.

ސިއްހީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި މާސްކުތަކާއި ސެނެޓައިޒާތައް ގޭގޭގައި ރައްކާކޮށްފައި ބެހެއްޓުމުން ލިބޭނެ ރައްކާތެރިކަމެއް ނެތެވެ. އެ އެންމެން ބޭނުންވާ މީހުންނަށް ނުލިބެ، މާސްކާ ނުލާ އެ މީހުން މުޖުތަމައު ތެރެއަށް ނުކުންނަން ޖެހިއްޖެނަމަ އެންމެންގެ ރައްކާތެރިކަން ވެސް ގެއްލުނީ އެވެ. އެހެންވީމަ އެންމެ މުހިންމީ އިރުޝާދުތަކާ އެއްގޮތަށް، އެއަށްވުރެ އިތުރަށް އަމަލު ނުކުރުމެވެ.

މިފަދަ ހާލަތްތަކުން އަރައިގަނެވޭނީ އެންމެން އެކުގައި އެކައްޗެއް ކިޔައިގެން މަސައްކަތްކޮށްގެންނެވެ. ޕެނިކް ވެގެން ހަމައެކަނި ތިމާއަށް ވިސްނައިގެން އަމަލުތައް ބަހައްޓައިފިނަމަ، ހާލަތު ވާނީ ގޯހެވެ. ހެޔޮނުވާނެ އެވެ. ރައްޔިތުން ހަމަޖެހޭށެވެ. ރާއްޖޭގައި ކަންބޮޑުވާންވީ ހާލަތެއް އަދި އެއްވެސް ވަރަކަށް ނެތެވެ.