ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

Mar 8, 2020
1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރު ނުކުރުމަށް ނިންމައިފި އެވެ. އެމަނިކުފާނު ފުލުހަށް ހާޒިރު ކުރުމަށް އޮތީ މެންދުރުފަހު 1:00 އަށެވެ. ފަހު ވަގުތު އެކަން ކެންސަލްކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލް ކޮށްފައިމިވަނީ ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، އެ ބަލިން ސަލާމަތްވުމަށް މުޅި ގައުމުގެ އެކުގައި މަސައްކަތް ކުރަންވީ ދަނޑިވަޅުގައިވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކުރެއްވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށްކަމަށް ބުނެ އިދިކޮޅުން ފާޑުކިޔާފައިވަނިކޮށެވެ.

ރާއްޖޭން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަަން އެންގުމުން އެމަނިކުފާނު ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވައި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ފުލުހުން ބަލަމުންދާއިރު، ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް އެމަނިކުފާނަށް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ.

މާފުށީ ޖަލުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރަން ފެށި ފަހުން ފުލުހުން ތަހުގީގު ކުރަން ފާށާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ރައީސް ޔާމީނަށް އަނެއްކާ ވެސް ތުހުމަތު ކޮށްފައި ވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ތެރެއިން އިތުރު ފައިސާ ލޯންޑަ ކުރެއްވި މައްސަލަތަކެކެވެ.

މި ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

މީގެ އިތުރަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އދ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެ އެވެ.