ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ ފުލުހުން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާސިފް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ގުރޫޕް ދެބައިވެ ސަޕޯޓަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ފިލުވާލުމުގެ ގޮތުން ކަމަށެވެ.
"މިއީ ދެން އެމްޑީޕީ ތެރޭގައި މައްސަލަ ޖެހޭ ކޮންމެ ވަގުތަކު ކުރާ ކަމެއް. ރައީސް ޔާމީން ޕޮލިހަށް ހާޒިރުކޮށްދިނުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަރަށް ހިތްހަމަޖެހޭނެ. ބުރަދަނެއް ހުރި ކަމެއްގައެއް ނޫން މި ހާޒިރުކުރަނީ،" އާސިފް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެކަމަކު ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.