ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސްކުރާނީ އެފަދަ މާހައުލެއް އުފެދިއްޖެނަމަ: އީސީ

Mar 8, 2020

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަންޖެހޭ ފަދަ މާހައުލެއް އުފެދިއްޖެނަމަ، އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ދޭ މުހުލަތަށް އިންތިހާބު ފަސްކުރާނެކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، ކައުންސިލު އިންތިހާބު ފަސްކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން، ޝަރީފް މިއަދު ވިދާޅުވި ގޮތުގައި، އިންތިހާބު ފަސްކުރަންޖެހޭ ފަދަ މާހައުލެއް އުފެދިއްޖެނަމަ، އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ދޭ މުހުލަތަށް އިންތިހާބު ފަސްކުރާނެކަމަށެވެ.

ޝަރީފް މިގޮތަށް ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމާނީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާއާއެކު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވިދާޅުވެފައިވަނިކޮށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ އެހެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާކޮށް އިއްތިފާގުވެވޭ ގޮތެއްގެ މަތީން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.