ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިގްތިސާދަށް ލޮޅުމެއް އަޔަސް ޓޫރިޒަމް ސިނާއަތް ހިފަހައްޓާލެވޭނެ: މިނިސްޓަރު

ދުނިޔޭގެ ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމް ސިނާއަތަށް ލޮޅުމެއް އަންނާނެ ކަމަށާއި އެކަމަކު ޓޫރިޒަމް ސިނާއަތާއި ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ކޮރޯނާ ވައިރަސް ޖެހިފައިވާ ދެ މީހަކު ފެނުމާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮރޯނާ ފެނި ހިނގާދިޔަ މަސްތަކުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވައިރަސް ފެތުރެން ފެށި ފަށުން ރާއްޖެއަށް 125،827 ބުކިން ކެންސަލްކޮށްފައިވާ ކަމަށާއި ނަމަވެސް އަލަށް 307،223 ބުކިން ލިބިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ދެ މަހުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.9 ޕަސެންޓުގެ ކުރިއެރުމެއް ޓޫރިސްޓް އެރައިވަލް އަށް ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ވެސް ޓޫރިޒަމް ސިނާއަތް ހިފަހައްޓާލެވުނީ ވެސް ކޮރޯނާ ވައިރަސް ފެތުރުމާ ގުޅިގެން ސަރުކާރުން އެ ކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިގްތިސާދަށް އަންނާނެ ލޮޅުމަކަށް ބަލައި އެ ކަމަށް ވެސް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. މި ގޮތުން ވިޔަފާރިތަކަށް ލުއި ދެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުން ހާއްސަ ޕެކެޖޭއް ތައްޔާރު ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށާއި އެ ކަމާ ގުޅޭ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވިޔަފާރިތަކަށް ލުއި ދޭނެ ގޮތެއްގެ ސްޓެމިއުލަސް ޕެކޭޖެއް ތައްޔާރު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުން މި ދަނީ. ސަރުކާރުން ވިޔަފާރިތަކަށް ދޭނެ ލުއިތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުން ދަނީ އެމްއެމްއޭއާ އެކު މަޝްވަރާ ކުރެވެމުން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރާއި ބޭންކިން ނިޒާމުގެ ތެރެއިން ދެވޭނެ ލުއިތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން އެމްއެމްއާއެކު ބީއެމްއެލްއާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ގޮތުން އިންޓްރެސްޓް ރޭޓް ކުޑަ ކުރެވޭނެ ގޮތްތަކާއި ޖޫރިމަނާ ކުރުމުގައި ދެވޭނެ ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދަށްވުމުން ސަރުކާރުގެ ސިޔާސި މުވައްޒަފުންގެ މުސާރަ ކުޑަކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މިވަގުތު ހުރި މުސާރަތައް ކުޑަނުކޮށް ކުރިއަށް ގެންދިއުމަށެވެ. އަދި ވިދާޅުވީ ކޮރޯނާގެ ހާލަތު ގޯހުންދާނެ ހާލަތުގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ހުރި ވަރުގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތައް ކުރާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.