ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އޭގެ ނުރައްކާ ރާއްޖެއަށް ވެސް ވަރަށް ބޮޑު ކަމަށާއި އެކަމަކު މުޅި ރާއްޖެ ލޮކްޑައުންކޮށް އެއްވެސް ގައުމަކުން މީހުން އެތެރެނުވެވޭ ގޮތަށް ހެދެން ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުމެންދާ ގޮތަށް ބަލާއިރު އެ ވައިރަސް އަންނާނެ ސީދާ ގައުމެއް ނުވަތަ ސަރަހައްދެއް ޔަގީން ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ކޮރޯނާ ވައިރަސްގެ ކޭސްއެއް ފެންނަ ކޮންމެ ގައުމަކުން މީހުން އައުން މަނާ ކުރެވެން ނެތް ކަމަށެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި އިޓަލީއަށް ޓްރެވެލް ރެސްޓްރިޝަން އެޅުމުގައި ސަރުކާރުން ލަސް ވެފައި ނުވާ ކަމަށެވެ. ރާއްޖެއަށް ކޮރޯނާ ވައިރަސް އައުން މަސްތަކެއް ހިފެހެއްޓުނީ ވެސް ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ ވަގުތަށް އެ ފިޔަވަޅެއް އެޅުމުން ކަމަށެވެ.
"އިޓަލީ ވިލާތުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމުގައި ލަހެއް ނުވޭ، އިޓަލީން ވައިރަސް ފެނުނު އިރު ފެތުރިފައިވާ މައި ސަރަހައްދުތަކުން މީހުނަށް ނުވެސް ނުކުމެވޭނެ. އަޅުގަނޑުމެން މަނާކުރިއިރު އިޓަލީ ބްލޮކް ކޮށްފައި އޮތީ ވެސް އެންމެ 10 ގައުމުން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ބައެއް ގައުމުތަކުން މުޅި ދުނިޔެއަށް ޓްރެވެލް ރެސްޓްރިކްޝަން ނެރެ ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް ރާއްޖެއަށް އެ ކަމެއް ނުކުރެވޭނެ ކަމަށާއި އެ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ ދިވެހި ސަރުކާރަކަށް ރާއްޖޭގެ އެއާޕޯޓްތައް ބަންދުކޮށް ޑެޑްލޮކެއް ގެނެސް ލޮކްޑައުން ނުކުރެނޭ އެ ގޮތަކަށް މި ގައުމުގެ ރައްޔިތުންގެ އާންމު ދިރިއުޅުމެއް ނުހިފެހެއްޓޭނެ. އިގްތިސާދު ފުނޑި ރައްޔިތުން ބަނޑަށް ޖެހޭނެ ހާލަތަކަށް ނުގެންދެވޭނެ، އެ ވިސްނުން ދޫކޮށްލުމަށް އަޅުގަނޑު އެދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ހާލަތު ބަދަލުވަމުންދާ ވަރަކުން އެ ހަލާތަކަށް ރިއާޔަތްކޮށް ޓްރެވެލް ރެސްޓްރިކްޝަންތައް ނެރެމުން ދާނެ ކަމަށެވެ. އަދި ވިދާޅުވީ މި ވަގުތުގެ ހާލަތުގައި އެ ގޮތަށް ޓްރެވެލް ބްލޮކް ނެރެން ޖެހޭ ގައުމެއް ނެތް ކަމަށެވެ. އެ ހާލަތަށް ދިއުމުން އެ ކަން ކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހާލަތަށް ރިއާޔަތްކޮށް އައުން މަނާކޮށްފައިވާ ގައުމުތަކަށް ހުޅުވާލަން ޖެހޭނަމަ އެ ކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ. އެކަމަކު މި ވަގުތު މީހުން އައުން މަނާ ގައުމުތަކުގެ ދަތުރުތައް އަލުން ރާއްޖެއަށް ހުޅުވާލާނީ އެ ގައުމުތަކުގެ ހާލަތު މުޅިން ރަނގަޅުވެގެން ދިޔުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮރޯނާ ފެތުރެމުންދާާ ގޮތަށް ބަލާއިރު އެތައް ބަޔަކު ބަލިން ރަނގަޅުވަމުން ވެސް އަންނަ ކަމަށެވެ. އަދި އެ ބަލީގައި މަރުވަމުން ދަނީ ބަލި ޖެހޭ ފަރާތްތަކުގެ ތެރެއިން މަދު ނިސްބަތެއް ކަމަށާއި އެހެންކަމުން މުޅި ގައުމު ލޮކްޑައުން ކުރަން ޖެހޭނެ ހާލަތެއް ނެތް ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.
އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.