ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެހީތެރިޔާ ނޫނީ އައިޖީއެމްއެޗްގައި ބަލި މީހުނަށް ޒިޔާރާތް ނުކުރެވޭ ގޮތަށް ހަދައިފި

Mar 8, 2020

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިތިބި ބަލި މީހުންނަށް މިއަދުން ފެށިގެން ޒިޔާރާތްނުކުރެވޭ ގޮތަށް އެ ހޮސްޕިޓަލުން ހަދައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާ ކޮރޯނާ ވައިރަސްގެ ސަބަބުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރާތްކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

"ނަމަވެސް، ފާސް ލިބިފައިވާ ބަލި މީހާގެ އެހީތެރިޔާއަށް ބަލި މީހާއާއެކު މަޑުކުރެވޭނެ،" އެ ބަޔާނުގައި ބުންޏެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ކޮންމެހެން ހޮސްޕިޓަލަށް އަންނަންނުޖެހޭނަމަ، މި ދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރާތްނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ކޮންމެހެން ދާންޖެހިގެން މެނުވީ ރާއްޖޭން ބޭރަށް ދަތުރުނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން ގިނަ ތަންތަނަށް ނުދިޔުމަށްވެސް ރައްޔިތުންނަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.