ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފޯކައިދޫގައި ހުރި ކުރެއްދޫގެ މުވައްޒަފު ކަރަންޓީނު ކުރަނީ

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް އޭނާގެ ފަރާތުން ފެނިފައިވާ ކަމަށެވެ. އެހެންވެ، އޭނާ ފަރުކޮޅުފުއްޓަށް ގެނެސް މޮނީޓާކޮށް ޓެސްތްތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ. އަދި އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.

އޭނާ ފޯކައިދޫއަށް ދިޔައީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ޓޫރިސްޓް އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ފަހުންނެވެ.

ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަހުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކުރެއްދޫއަށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށަށް ހިދުމަތްތަކާއި އެހީތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ރަށުގައި ތިބި މީހުންގެ ތެރެއިން ވެސް އަލާމާތް ފެންނަ މީހުންގެ ކަންކަން ދަނީ ބަލަމުންނެވެ.