ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަތަލާ ރިސޯޓްގެ ދެ މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ

އއ. ބަތަލާ ރިސޯޓްގެ ދެ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެކަން ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ދެންމެ ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ބަތަލާ ރިސޯޓްގެ ތިން މީހެއްގެ ޓެސްޓްތަކުގެ ނަތީޖާ މިރޭ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ނަތީޖާ، ކޮރޯނާ ވައިރަހަށް ޕޮޒިޓިވް އެވެ. އަނެއް މީހާ ނެގަޓިވް އެވެ. އެޗްޕީއޭއިން ބުނި ގޮތުގައި އެ ދެ މީހުންނަކީ ވެސް ޓޫރިސްޓުންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ނަމަވެސް އިއްޔެ އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ބަތަލާ ރިސޯޓުން ކޮރޯނާގެ އަލާމާތްތައް ފެނިގެން އެންމެ ފުރަތަމަ ކަރަންޓީނު ކުރީ އިޓަލީގެ ޓޫރިސްޓެކެވެ.

ބަތަލާ ރިސޯޓް މިހާރު އޮތީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. އެ ރިސޯޓްގައި މިހާރު ވެސް 11 މީހަކު ރޫމް ކަރަންޓީނު ކޮށްފައި ތިބި ކަމަށް ވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެފައިވެ އެވެ.

ބަތަލާގެ ދެ މީހުން ޕޮޒިޓިވްވުމާއެކު ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ. މީގެކުރިން ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ. އަދި އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކުރެއްދޫއަށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށަށް ހިދުމަތްތަކާއި އެހީތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ރަށުގައި ތިބި މީހުންގެ ތެރެއިން ވެސް އަލާމާތް ފެންނަ މީހުންގެ ކަންކަން ދަނީ ބަލަމުންނެވެ.