ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: އިޓަލީގައި އެއް ދުވަސް ތެރޭގައި 133 މަރު

Mar 9, 2020

މިލާން (މާޗް 9) - މިހާރު ބާރު ދުވެލީގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ އެކަނި 133 މަރުވެފައިވާ ކަމަށް އިޓަލީން ބުނެފި އެވެ.

ޗައިނާ އިން އުފަންވެގެން މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 25 ޕަސަންޓް އިތުރުވެ، 7،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިހާތަނަށް ޖުމްލަ 366 މީހުން ވަނީ މަރުވެފަ އެވެ.

ބަލި ޖެހުނު މީހުން ކުއްލިއަކަށް އިތުރުވެފައިވަނީ، އެ ވައިރަސް ފެތުރުން ހުއްޓުވުމަށް އިޓަލީ ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، ލޮމްބާޑީ ސަރަހައްދުގެ އިތުރުން 14 ޕްރޮވިންސެއްގައި ދިރިއުޅޭ 16 މިލިއަން މީހުނާއެކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ސިޓީތަކަށް ދަތުރުކުރުން ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، އެތެރެވުމާއި ނުކުތުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ވަނީ ހަދައިފަ އެވެ.

ބަލި ހަލުވި މިނުގައި ފެތުރެމުން ދާއިރު، އިޓަލީން މިހާރު ވަނީ ޖިމްތަކާއި، ޕަބްލިކް ސްވިމިން ޕޫލްތަކާއި، މިއުޒިއަމްތަކުގެ އިތުރުން ބައެއް ސްކީ ރިސޯޓުތައް ވެސް ބަންދުކޮށްފަ އެވެ.

އަދި އެ ލޮކްޑައުންގެ ދަށުން، ކައިވެނި ހަފްލާތަކާއި ޖަނާޒާތައްވެސް ނުބޭއްވުމަށް ސަރުކާރުން ވަނީ އަންގައިފަ އެވެ.

އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިލާންގެ އިތުރުން ޓޫރިސްޓުންގެ މެދުގައި މަގުބޫލު ވެނިސްވެސް ވަނީ ލޮކްޑައުންގަ އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކާއެކު، ޗައިނާ އިން ބޭރުން އެންމެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވަނީ އިޓަލީގަ އެވެ.

އާ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 107،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3،600 އަށް އަރައިފަ އެވެ.