ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ގައުމުތަކުން މީހުން އައުން ހުއްޓުވުން އެއީ ހައްލެއް ނޫން: ނަޝީދު

ކޮރޯނާ ވައިރަސް ރާއްޖެއަށް އަޔަ ނުދިނުމަށްޓަކައި ގައުމުތަކުން މީހުން އައުން ހުއްޓުވާލުމަކީ އެކަމުގައި އޮތް ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން އައިސް ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އިގްތިސޯދަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އިޓަލީން މީހުން އައުން މަނާ ކުރުން އެންމެ ރަނގަޅު ނޫން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވާފަ އެވެ.

އެ ކުއްލި މައްސަލައަށް ބަހުސް ކުރެއްވި މެންބަރުން ފާޅު ކުރެއްވި ހިޔާލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވައިރަސްއާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުންނާއި އަޅާނެ ފިޔަވަޅުތަކަކާ ގުޅޭ ގޮތުން ދެ ވިސްނުމެއް މެންބަރުންގެ ތެރޭގައިވާ ކަމަށެވެ.

އެގޮތުން އެއް ވިސްނުމަކީ ވައިރަސް ރާއްޖެއަށް އަޔަ ނުދިނުމަށްޓަކައި ވަކި ގައުމުތަކުން މީހުން އައުން ހުއްޓުވާލަން ޖެހޭ ވިސްނުން ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އަނެއް ވިސްނުމަކީ ބަލިން ލިބިދާނެ ގެއްލުމަކަށް އަޅާ ފިޔަވަޅަކުން މާ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ފެނިވަޑައިގަންނަވާތީ އެ ކަމުގެ ކަންބޮޑުވުމެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމުތަކުން މީހުން އައުން ހުއްޓުވާލައިގެން އެ ވައިރަސް ރާއްޖެ ނައިސް ހުއްޓުވޭނެތޯ އެއީ ސުވާލެއް ކަމަށެވެ. އެ ގޮތުން މިހާރު ވެސް ޔޫރަޕް ބައްރުން އިޓަލީން މީހުން ރާއްޖެ އައުން މަނާ ކޮށްފައިވީއިރު އިޓަލީން އެ ބައްރުގެ އެހެން ގައުމުތަކަށް ދަތުރު ކުރެވޭ ކަމަށެވެ. އަދި އެ ގައުމުތަކުން މީހުން ރާއްޖެއަށް އާދެވޭ ކަމަށެވެ.

"އިޓަލީގެ ބޯޓު ފަހަރު އެބަ ދޭ ޖަރުމަނަށް، އިނގިރޭސިވިލާތަށް، ޔޫރަޕުގެ އެހެން ގައުމުތަކަށް، އަދި އެ ގައުމުތަކުން ރާއްޖެއަށް އަދިވެސް ބޯޓުތައް އެބަ އާދޭ. ހުއްޓާލަންޏާ އެބަ ސާފުވޭ ހުއްޓާލަން މި ޖެހެނީ މި ހުރިހާ ކަމެއް ކަން. ހުއްޓާލަންޏާ ހުއްޓާލަން މި ޖެހެނީ ހުރިހާ ގައުމެއްގެ ބޯޓު ފަހަރު ކަން. މި ވައިރަސް އަޔަ ނުދިނުމަށްޓަކައި ހުއްޓާލާ ކަމަށް ވަންޏާ މި ބަލި ދާ ހުރިހާ ތަނެއްގެ ދަތުރުތައް ހުއްޓާލަން ޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގިނަ މެންބަރުންގެ ނަޒަރުގައި ސަރުކާރުން އަޅާފައި ވަނީ އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. އެކަމަކު ވެސް މި ގޮތަށް ދަތުރުތައް ކުރުން މަނާ ކުރުމާ ގުޅިގެން އިގްތިސާދަށް އަންނާނެ ލޮޅުމަކާ ގުޅޭ ގޮތުން ބައެއް މެންބަރުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ލިބިދާނެ ގެއްލުމަކަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑު ގެއްލުމަކަށް ގޮސްދާނެ ކަމަކަށް ގޮސްގެން ނުވާނެ ކަމަށް. މެންބަރުން ދެއްކުމަކީ އިޓަލީ އިން ރާއްޖެއަށް ބޯޓުފަހަރު އައުން މަނާ ކުރުމަށް ނުފެންނަ ކަމަށް. މެންބަރުންގެ މިހާރު އެ މަނާވެފައިވާ އޮތް އޮތުން އެނބުރެން ޖެހޭ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ބަލި މީހަކު ފެނުމުން އޭނާ އެކަހެރިކޮށް އެ ރަށަކަށް މީހުން އައުން ބަންދު ކުރާ ކަމަށެވެ. އޭގެ އިތުރަށް ވެސް ކަންކަން ބައްޓަން ކުރަން ޖެހޭ ކަންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއެޗްއޯއިން ލަފާ ދީފައިވާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެ ޖަމިއްޔާގެ ރިޕޯޓަށް ހަވާލާދީ ވިދާޅުވީ ގެއާއި ހެލްތު ސެންޓަރުގައި ވެސް ފަރުވާ ދެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.

ލޮލު ރޯގާ އާއި އަރިދަފުސް ރޯގާ ޖެހުމުން ރޯގާއިން ސަލާމަތް ވުމަށް މަސައްކަތް ކުރާ އުސޫލުން ކޮރޯނާ ވައިރަސް އިން ވެސް ސަލާމަތް ވާން ފިޔަވަޅުތައް އެޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ދުނިޔޭގައި އެ ވައިރަސް ފެތުރޭއިރު ވައިރަސް އިން ފަރުވާލިބި ރަނގަޅުވާ ނިސްބަތުން އެކަން ސާފުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ރޯގާގެ ކަންތައްތަކުގައި އަޅުގަނޑުމެން ރައްޔިތުން ކަންބޮޑުވެ ހާސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. މި ރޯގާ އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެން ދާނެ ކަމާ މެދު މާހިރުން ޝައްކެއް ނުކުރޭ. މި ރޯގާ އިން އަރައިގަތުމަށް ޓަކައި އާންމު ސިއްހަތުގެ ނިޒާމު ރަނގަޅު ކުރުމުން ހުންނާނީ ރަނގަޅަށް. އިރާދަކުރެއްވިއްޔާ މި ބަލިން ޝިފާ ލިބެމުންދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ ރިސޯޓު ވެސް ވަނީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނުކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނުކޮށްފަ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރެއްދޫއަށް އޮރެންޖް އެލާޓް ނެރެ، އިޓަލީ އާއި ޗައިނާ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މި ވަގުތު އެންމެ ބޮޑަށް ވައިރަސް ފެތުރެމުން ދަނީ އިޓަލީންނެވެ. އަދި މި ވައިރަސް އެންމެ ފުރަތަމަ ފެނި ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވަނީ ޗައިނާ އިންނެވެ.