ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕޮލިޓިކްސް

އަފީފުގެ އަދިވެސް ނުރުހިފައި: އޭނާއާ މެދު ވިސްނަން ޖެހޭ!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދަތި ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދު ވެސް ނުރުހުން ފާޅު ކުރެއްވި އެވެ.

މީގެ ކުރިން ކޮރޯނާ ވައިރަސްއަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ތެޔޮ ރައްކާތެރި ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަހުސް ކުރައްވަމުން އަފީފް ވަނީ އަމީން ސަރުކާރަށް "ޖެއްސުން ކުރަމުންދާ" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ.

ކޮރޯނާއާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ވެްސް އަފީފް ވަނީ އަމީނަށް އަމާޒުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަފީފް ވިދާޅުވީ ރާއްޖެއަށް ތާމަލް ކެމެރާތައް ގެނައުމަށްޓަކައި މިނިސްޓަރު އަމީން ގަސްދުގައި ލަސް ކުރި ކަމަށެވެ. ސަރުކާރަށް ރައްޔިތުންގެ ނުރުހުން އަމާޒު ކުރުމަށްޓަކައި ގަސްދުގައި ސަރުކާރެއްގެ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައި ސަރުކާރަށް "ޖެއްސުން ކުރަމުންދާ" ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަމެއް. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެ ކަންތައް އެނގޭތީވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް (މިނިސްޓަރު އަމީން) އޭނާ އަކީ. ހަމަ އަޅުގަނޑު ކަނޑައެޅިގެން ދަންނަވަނީ ޖެއްސުން ކުރާ މީހެކޭ އޭނާ އަކީ. އަޅުގަނޑުމެން އެބަ ޖެހޭ މީނާ އާއި ދޭތެރެ ވިސްނަން." އަފީފް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ އަފީފް ދެވަނަ ފަހަރަށް މިނިސްޓަރު އަމީނަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މި ކަމާ ގުޅޭ ގޮތުން މިނިސްޓަރު އަމީން އަދި ވާހަކައެއް ނުދައްކަވަ އެވެ. ސަރުކާރުން ވެސް މި ކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި އެވެ. އެކަމަކު ގައުމުތަކުން މީހުން އައުން މަނާ ކުރުމާ ގުޅޭ ގޮތުން ވިސްނަން ޖެހޭ ކަމަށާއި އިގްތިސާދަށް ބޮޑު ގެއްލުމެއް ނުލިބޭނެ ގޮތަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ.