މީރާ މުހައްމަދު މާޖިދަކީ ދިވެހި ލަވައިގެ ދުނިޔޭގައި މިހާރު އެންމެ ގަދަ އަށް ވިދަމުން އަންނަ ތަރިއެވެ. އެކަމާ ދެ ބަސް ވެވޭކަށް ނެތެވެ. ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ހޯދާފައިވާ މަޝްހޫރުކަމާއި މަގްބޫލުކަން އަދި ދައްކަމުން ގެންދާ ހުނަރުވެރިކަން ވެސް މިކަމަށް ހެކިވެ އެވެ.
އަދި ފާހަގަކޮށްލަން ޖެހެނީ މީރާ މިފަހުން މަޝްހޫރުކަން ހޯދަމުން ގެންދަނީ ނުވަތަ މަޝްހޫރުވަމުން ދަނީ ހަމައެކަނި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ނޫން ކަމެވެ. ވަރަށް ފަހުން އެ ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ކޯޑިނޭޓަރެއްގެ މަގާމު ވެސް ލިބިވަޑައިގެންފަ އެވެ.
އަނެއްކޮޅުން ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކޮށް އެ ޕާޓީ އާއި މީރާއާ ދެމެދު އޮތް ގުޅުމަކީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ. ވަކިން ހާއްސަކޮށް މީރާގެ މަޝްހޫރު ބައްޕަ އަދި ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ޕީޕީއެމްއާ ވާދަވެރި އެމްޑީޕީގެ އަޑުގަދަ ފަރާތަކަށް ވުމަކީ ވެސް ރާއްޖޭގެ ސިޔާސީ މައިދާނުގެ އޮލަވާހަކަތަކުގެ ތެރެއަށް މީރާ ވެއްޓިގެން ދިޔަ ސަބަބެކެވެ.
މިހުރިހާ ވާހަކަތަކަށް ފަހު މިހާރު އެންމެ ގަދަ އަށް ދެކެވޭ އެއް ވާހަކަ އަކީ ޕީއެސްއެމް އިން ފަށަން އުޅޭ މޯލްޑިވިއަން އައިޑޮލްގެ ޖަޖަކަށް މީރާ ނަގަން އުޅޭ ވާހަކަ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުން އަދި މި ވާހަކައެއް ރަށު ތެރޭގައި ހިންގަމުންދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލާއިރު ޝޯގެ ޖަޖެއްގެ ގޮތުގައި މީރާ ވަނީ މިހާރު ވެސް ހަމަޖައްސައިފަ އެވެ.
ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ރަސްމީ ޓީމުން މި ވާހަކަ މުޅިން ދޮގުކުރެ އެވެ. އެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ޝޯ އަށް ޖަޖުން ކަނޑައެޅުމުގެ ޒިންމާ އަކީ މި ޝޯގައި ހަރަކާތްތެރިވާ ދިވެހިންގެ އަތްމަތީގައި ވެސް އޮތް ކަމެއް ކަމަކަށް ނުވާއިރު ޝޯގެ ޖަޖެއްގެ ގޮތުގައި ވަކި މީހަކު ކަނޑައަޅާފައިވާ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޝޯ އަށް ތިން ޖަޖުން ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޝޯއަށް އެ ތިން ނަން ކަނޑައަޅައި ފަހު ބަސް ބުނާނީ "އައިޑޮލް" ފްރެންޗައިސްގެ ވެރިންގެ ޓީމަކުން ކަމަށެވެ. އެނގިފައިވާ ގޮތުން ޕީއެސްއެމް އިން ވަނީ މޯލްޑިވިއަން އައިޑޮލްގެ ޖަޖުންގެ ގޮތުގައި ހަމަޖެއްސުމަށް ޝޯޓްލިސްޓްކުރި ހަ މީހެއްގެ ނަން މިހާރު އިނގިރޭސިވިލާތަށް ފޮނުވައިފަ އެވެ.
އަޑުއަރާފައިވާ ގޮތުން މީރާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީގެ ނަން މި ލިސްޓްގައި ހިމެނެ އެވެ.
ނަމަވެސް ޝޯގެ ރަސްމީ ޓީމުން މިއިން އެއްވެސް ނަމެއް ވެސް ކަށަވަރުކޮށެއް ނުދެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތައް ޒޯންތަކަކަށް ބަހާލައިގެން އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު އެސްއެމްއެސް މެދުވެރިކޮށް ޝޯގެ އޮޑިޝަންތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު ވެސް އޮތީ ހުޅުވާލައިފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް އޮޑިޝަނަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު މިދިޔަ ހަފުތާގެ ނިޔަލަށް 700 އަށް އަރަ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ޓީމުން ބުނެފައި ވަނީ ޒޯން ތަނަކަށް ބަހާލައގެން ކުރިއަށް ގެންދާއިރު ޒޯންތަކުގައި ގާއިމުކޮށްފައިވާ މޯލްޑިވިއަން އައިޑޮލްގެ މަރުކަޒުތަކަށް ވަޑައިގެން ވެސް އާންމުންނަށް ރަޖިސްޓްރީކުރެވޭނެ އެވެ. އަދި ކަނޑައެޅިފައިވާ ޒޯނެއްގެ ދިރިއުޅޭ މީހަކަށް އެހެން ޒޯނެއްގެ އޮޑިޝަންތަކުގައި ވެސް ބައިވެރިވެވޭނެ އެވެ.
މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް ފައިސާގެ އަގުބޮޑު އިނާމުތަކެއް ކަނޑައެޅިފައިވާއިރު އިންޑިއާގެ އަލްބަމްތަކާއި ފިލްމުތަކަށް ލަވަ ރިކޯޑްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
މި ޝޯ ޓީވީއެމް އިން ދައްކަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.