ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ އާންމު ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލުތަކަށް ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބާއްވަން ހަމަޖެހިފައިވާ އާންމު ބައްދަލުވުމެއް މި ހަފުތާއަށް ވެސް ރާވާފައިވާ ކަމަށެވެ. އެ ގޮތުން އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުމެއް އަންނަ ބުދަ ދުވަހުގެ ރޭ މަޖިލީހުގައި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ވަނީ، ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަަރުކާރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.
އިންތިގާލީ އިންސާފުގެ އެ ބިލުގައި އެ މުއްދަތުގެ ތެރޭގައި ބޭއިންސާފުން އެ ގޮތަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބަޔާން ކޮށްފައިވެ އެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރަވަން ވެސް ޖެހޭނެ ކަމަށެވެ.
އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި އެޓާނީ ޖެނެރަލްއަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން އަންނަ ބުދަ ދުވަހުގެ ރޭ އާންމު ބައްދަލުވުމެއް މަޖިލީހުގައި ބާއްވާއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ވަނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް އާންމު ބައްދަލުވުމެއް ބާއްވާފަ އެވެ. މަޖިލީހުގެ ރައީސް ނަޝީދު ވަނީ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މަޖިލީހުގައި އާންމު ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފަ އެވެ.