ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު ހުރިކަން ސަރުކާރުން ހާމަކޮށްފި އެވެ. އޭނާ މަޑުކޮށްގެން ހުރީ މާގިރި ހޮޓެލްގަ އެވެ.
ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.
މީގެކުރިން ސަރުކާރުން ހާމަކުރި ގޮތުގައި އިޓަލީ މީހާ ޖުމްލަ 173 މީހަކާ އެކި ގޮތްގޮތުން ކޮންޓެކްޓްވިކަން ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވިފައިވެ އެވެ.
އެ ޓޫރިސްޓަކީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރި މީހެކެވެ. އޭނާގެ ފަރާތުން އެ ރިސޯޓްގެ ދެ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ. އެ ދެ މީހުން މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ. އެ ދެ މީހުން ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
އޭގެ ދެ މީހުންގެ އިތުރުން ދެން ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ އިޓަލީގެ ޓޫރިސްޓެވެ. އެ ދެ މީހުން ވެސް ކަރަންޓީނުކޮށްފައިވާއިރު ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް މަބުރޫކު ވިދާޅުވި އެވެ.
ކުރެއްދޫ އާއި ބަތަލާ މިހާރު އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެ ދެ ރިސޯޓްގައި ވެސް ބައެއް މީހުން ރޫމް ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އަދި އެމީހުންގެ ކަންކަން ދަނީ މޮނީޓާ ކުރަމުންނެވެ. އެ ދެ ރިސޯޓްގައި އަދިވެސް އިޓަލީ މީހުން އެބަ ތިއްބެވެ.