ދިވެހި ސިނަމާ

"އަނދިރިކަން" ފިލްމުގެ ޝޯތައް މެދުކަނޑާލައިފި

މިދިޔަ ބުދަ ދުވަހު އޮލިމްޕަހުގައި އެޅުވި، އަހަރުގެ ފުރަތަމަ ފިލްމު "އަނދިރިކަން"ގެ ޝޯތައް މެދުކަނޑާލައިފި އެވެ.

މި ފިލްމުގެ ޑައިރެކްޓަރު، އަލީ ސީޒަން ބުނީ ފިލްމު ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ އާއްމު ސިއްހީ ރައްކާތެރިކަމަށްޓަކައި ގިނަ ބަޔަކު އެއްތާކަށް ޖަމާވުމަކީ ރައްކާތެރިގޮތް ކަމަށް ނުދެކޭތީ އެވެ.

ފިލްމުގެ ޝޯތައް ދެއްކުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ހާލަތަށް ބެލުމަށް ފަހު، ފިލްމު އަލުން ދައްކަން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރަން ވަނީ ނިންމައިފައި ކަމަށްވެސް ސީޒަން ބުންޏެވެ.

މި ފިލްމަކީ އަލީ ސީޒަން، ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ވެސް ކުޅެފައިވާ ފިލްމެކެވެ. ސީޒަން އާއެކު ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ ލީޑުގައި ހިމެނެ އެވެ.

"އަނދިރިކަން" ގެ ޝޯތައް އޮލިމްޕަހުގައި މެދުކަނޑާލި އިރު، ރަށްރަށުގައި ވެސް ފިލްމު ދެއްކުން މި ވަގުތަށް ވަނީ ކުރިއަށް ނުގެންދަން ނިންމައިފި އެވެ.