ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހުޅުމާލެ ހޮސްޕިޓަލުންވެސް ބަލިމީހުނަށް ޒިޔާރަތް ކުރުން ހުއްޓުވައިފި

ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރާތް ނުކުރެވޭ ގޮތް ހަދައިފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން އިއްޔެއިން ފެށިގެން މެދުކަނޑާލަން ނިންމީ ކަމަށެވެ.

އެ ގޮތަށް ނިންމި ނަމަވެސް ބަލިމީހާއާއެކު އެހީތެރިޔަކަށް މަޑުކުރެވެ އެވެ.

މާލޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ވެސް، ވަނީ ބަލިމީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ކޮންމެހެން ދާންޖެހިގެން ނޫނީ ރާއްޖޭން ބޭރަށް ދަތުރުނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން އާއްމުން އެއްވާ ތަންތަނަށް ނުދިއުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހުސް ވެސް ބިދޭސީންނެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ހަތަރު މީހަކާއި އއ. ބަތަލާ ރިސޯޓުން ދެ މީހަކެވެ. މި ދެ ރިސޯޓު ވެސް ވަނީ އަރައިފޭބުން ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ. މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނުވެ އެވެ.