ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެން ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރަން އެދިއްޖެ

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ދެމުން ގެންދާ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރުމަަށް އެ ކުންފުނިން އެދެފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި، ކަސްޓަމާ ސާވިސް ކައުންޓަރަށް ވަޑައިގަތުމުގެ ބަދަލުގައި އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން އަދި އޮންލައިން ހިދުމަތުގެ ބޭނުން ހިފުމަށް އެ ކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ކުންފުނީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބެލުމާއި ކިޔޫގައި މަޑުނުކޮށް ކޮންމެ ވަގުތަކުވެސް ފައިސާ ދެއްކޭނެ އެވެ. އަދި، އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަތަށް އެދި ފޯމް ހުށަހެޅުމާއި ގޭގައި ތިބެގެން ހިދުމަތުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ.

މީގެ އިތުރުން، ހިދުމަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ނުވަތަ މައްސަލަ އެއް ހުށަހަޅަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ކަސްޓަމާ ސެންޓަރު 105 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުން އަންނަ ކަމަށްވެސް ކޮމިއުނިކޭޝަންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އާއްމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހޮސްޕިޓާތަކަށް ދިއުންވެސް ވަނީ މަނާ ކޮށްފަ އެވެ.