ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

60 މިލިއަން މީހުނާއެކު މުޅި އިޓަލީ ކަރަންޓީނުކޮށްފި

Mar 10, 2020
1

މިލާން (މާޗް 10) - ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް 60 މިލިއަން މީހުން ދިރިއުޅޭ އިޓަލީ ބަންދުކޮށްފި އެވެ.

"އަޅުގަނޑު މި ސޮއި ކުރާ ގަރާރުގެ ހުލާސާއަކީ މިއީ: އަހަރެމެން ތިބޭނީ ގޭގައި،" އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންޓޭ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވި އެވެ.

ޗައިނާ އިން އުފަންވެގެން މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ އިޓަލީ އެވެ.

ކޮރޯނާވައިރަސް ޖެހިގެން އިޓަލީގައި މަރުވި މީހުންގެ މިހާރު ވަނީ 463 އަށް އަރައިފަ އެވެ.

އިޓަލީން އެންމެ ފުރަތަމަ ލޮމްބާޑީ ސަރަހައްދުގެ އިތުރުން 14 ޕްރޮވިންސެއްގައި ދިރިއުޅޭ 16 މިލިއަން މީހުނާއެކު ވަނީ ކަރަންޓީނުކުރި އެވެ. ނަމަވެސް، ވައިރަސް ފެތުރުން މަޑުނުޖެހުމުން، ގާތްގަނޑަކަށް 60 މިލިއަން މީހުން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އަމަރުކުރީ އެވެ.

ސަރުކާރުން ބުނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނަމަވެސް، ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް މުޅި އިޓަލީ ބަންދުކޮށްފައިވާއިރު، އެ ގައުމުގެ ސްކޫލްތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން އިޓަލީގެ މައި ލީގުގެ ފުޓުބޯޅާ މެޗުތައްވެސް މިހާރު ވަނީ މުއްދަތެއްނެތް ގޮތަށް ފަސްކޮށްފަ އެވެ.

އާ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ތަފާތު 100 ގައުމަކުން 110،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3،800 އަށް އަރައިފަ އެވެ.