ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭންވެސް މިހާރު ފެނިފައިވާތީ، ކަރަންޓު ބިލަށް އޮންލައިންކޮށް ފައިސާ ދައްކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނިފައިވުމާ އެކު، އެ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން ދޭ ހިދުމަތްތައް ހޯދަން އޮފީހަށް ދިޔުން މަދުކުރަން ޖެހޭ ކަމަށެވެ.
އަދި އޮންލައިންކޮށް ލިބޭ ހިދުމަތްތައް ކަމަށްވާ ބިލް ދެއްކުން ފަދަ ކަންކަމަށް އެ ކުންފުނީގެ ވެބްސައިޓާއި އެޕްލިކޭޝަން ބޭނުން ކުރުމަށް ކަސްޓަމަރުންގެ ކިބައިން އެދޭ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މިފަދަ ހިދުމަތްތައް ބޭނުން ކުރުމަކީ ކަސްޓަމަރުންނަށް ވެސް އަދި އެ ކުންފުންޏަށް ވެސް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެޕްލިކޭޝަން ތައްޔާރުކޮށްފައި ވަނީ ބިލްތަކުގެ ތަފްސީލު ބަލައިލުމާ އެކު ފަސޭހަ އިން ބިލް ދައްކާލެވޭ ގޮތަށް،" ސްޓެލްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ވައިރަހުން ރައްކާތެރިވުމަށް ކުންފުނިތައްވެސް ހިމެނޭ ގޮތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ދެމުން ގެންދާ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރުމަަށް އެ ކުންފުނިންވެސް ވަނީ އެދިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ވެސް ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.