ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވި މީހަކު ދަރުމަވަންތައަށް ބަދަލު ކުރަނީ

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ދުވަސްވީ ބިދޭސީއަކު އިތުރަށް މޮނީޓާ ކުރަން ޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

ދަރުވަމަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމާފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ކޮރޯނާއަށް ޕޮޒިޓިވްވި ދެމަފިރިންގެ ތެރެއިން 70 އަހަރުގެ ފިރިހެން މީހާ އެވެ. އެމީހާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފެސިލިޓީއަށް ބަދަލުކުރަނީ އޭނާ އިތުރަށް މޮނީޓާކުރުމަށް ޖެހޭ ކަމަށް މެޑިކަލް ޓީމަށް ފެންނާތީ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ އިތުރަށް މޮނީޓާ ކުރުމަށް ޖެހެނީ 70 އަހަރުގެ މީހާ އެކަނި ނަމަވެސް، އެއީ ދެމަފިރިން ކަމަށްވާތީ އަންހެން މީހާ ވެސް ދަރުމަވަންތައަށް ބަދަލު ކުރާނެ ކަމަށެވެ.

އިތުރަށް މޮނީޓާ ކުރަނީ އެމީހާއަކީ ދުވަސްވީ މީހަކަށްވާތީ ހައިރިސްކު ކެޓަގެރީގެ މީހަކަށްވާތީ އެވެ. އޭނާގެ ހާލު ގޯސް ނޫން ކަން ވެސް ހާމަކުރި އެވެ.

އެމީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެމީހުން އެ ހޮސްޕިޓަލަށް ގެންދާނީ ވަކި ދޮރަކުން ކަމަށާއި އެއީ އާންމުންނާއި މުވައްޒަފުން ބޭނުން ކުރާނެ ދޮރެއް ނޫން ކަމަށް ވެސް ސަރުކާރުން މިރޭ ވަނީ ހާމަކޮށްފަ އެވެ. އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ އިޓަލީގެ ދެ ޓޫރިސްޓެކެވެ. އެ ދެ މީހުންނާ ކޮންޓެކްޓްވި ބައެއް މީހުން އެކަހެރިކޮށްފައިވާއިރު އިތުރު މީހެއްގެ ފަރާތުން ކޮރޯނާ ފާހަގަކުރެވިފައެއް ނުވެ އެވެ. ނަމަވެސް ރިސޯޓް އޮތީ ލޮކްޑައުން ކޮށްފަ އެވެ.