ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑްއާ ގުޅިގެން ހުޅުމާލޭގައި ބިދޭސީންނަށް ކްލިނިކެއް

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ހުޅުމާލެ ޕްރީސްކޫލްގައި ބިދޭސީންނަށް ހާއްސަ ކްލިނިކް އެއް ހުޅުވައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ހުޅުވި ޓްރެވަލް ކްލިނިކް ގެ އިތުރުން، ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަ ފްލޫ ކްލިނިކް އެއް ހުޅުވައިފި ކަމަށެވެ.

މި ކްލިނިކް، ހެނދުނު 2:00 އިން ރޭގަނޑު 10:00 އަކަށް ހިދުމަތް ދޭއިރު އެތަނަށް ދާ ބިދޭސީންގެ އައިޑެންޓިފިކޭޝަން އެއް އަދި ވޯކް ޕާމިޓެއްް ބޭނުމެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގައި މިއަދު ހުޅުވި ކްލިނިކް ހުންނަނީ، މާލެހިޔާ ފްލެޓް-2 ފުރަގަހުގައި އޮންނަ ހުސްބިމުގަ އެވެ. ރޭގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެ ކްލިނިކް ހުޅުވުމުގެ މަގުސަދަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި ރާއްޖޭގައި ތިބި އެ ބައްޔަށް ޝައްކު ކުރެވޭ ފަރާތްތަށް އަމިއްލައަށް ބޭނުންވެގެން ޓެސްޓު ކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

މިހާރު އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ.

ވަން އެންޑް އޮންލީ ރީތި ރަށާއި، ބަތަލާގެ އިތުރުން ކުރެއްދޫއަށްވެސް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކާއި ވިލިމަންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީގޮތުން ހުއްޓުވައިފަ އެވެ.