ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރީތިރަށުން އަލާމާތް ފެނުނީ ކުޑަކުއްޖެއްގެ ގައިން

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެން ކަރަންޓީނުކޮށްފައިވަނީ ކުޑަ ކުއްޖެއްކަން ސަރުކާރުން ހާމަކޮށްފި އެވެ.

އެ ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ މިހާރު ވަނީ ސާމްޕަލްތައް ނަގާފަ އެވެ. ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

އެޗްޕީއޭ އިން މިރޭ ކުރިން ބުނެފައިވާ ގޮތުގައި ވައިރަހަށް ޝައްކުކުރެވޭ ކުއްޖާ ފެނުމާއެކު، އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

އެގޮތުން، އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފަ އެވެ.

ވަން އެންޑް އޮންލީ ރީތި ރަށާއި، ބަތަލާގެ އިތުރުން ކުރެއްދޫއަށްވެސް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، އއ. ކުރަމަތި ރިސޯޓްގައި ހުރި ބިދޭސީއަކާއި ވިލިމަންދޫ ރިސޯޓުގައި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ވަގުތީގޮތުން ހުއްޓުވައިފަ އެވެ.

ވިލަމަންދޫގެ އެ މުވައްޒަފަކީ ކުރެއްދޫ ރިސޯޓަށް ޗުއްޓީއެއްގައި ދިޔަ މީހެކެވެ.

ބަތަލާ ރިސޯޓުން އިތުރު ދެ މީހަކަށް ޝައްކު ކުރެވިގެން އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.