ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްކޫލްތައް ބަންދުކުރަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފި

ރާއްޖެއިންވެސް ފެނިފައިވާ ކޮރޯނާ ވައިރަސްއާ ގުޅިގެން، ސްކޫލްތަކާއި އާއްމު އެއްވުންތައް ނުބޭއްވުމަށް، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޮރޯނާ ވައިރަސްގެ އައުޓްބްރޭކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އާއްމު އެއްވުންތަކާއި ސްކޫލްތައް ނުބޭއްވުން ރަނގަޅު ކަމަށެވެ.

ސްކޫލްތަކުގެ މިޑް ޓާމް ޗުއްޓީ މިހަފްތާގައި ކުރިއަށްދާއިރު، އަންނަ ހަފްތާގައި ސްކޫލް ހުޅުވޭނެ އެވެ. އަންނަ ހަފްތާގައި ސްކޫލްތައް ނުހުޅުވުމަށް ރާއްޖޭގެ ބައެއް ޑޮކްޓަރުންވެސް ވަނީ އިރުޝާދުދެއްވާފަ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތެއް އަދި ނެތް ނަމަވެސް، އެކަން ކުރަން ޖެހިއްޖެނަމަ، ކުދިންނަށް ގޭގައި ތިބެގެން ކިޔަވައިދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށް ސަރުކާރުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.

ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ އިރުޝާދާއެކު ވައިރަހާ ގުޅިގެން ކަނޑައަޅަންޖެހޭ އެލާޓް ލެވެލްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރަންޖެހޭ ހާލަތަކަށް އަދި ރާއްޖެ ނުދާ ކަމަށް މަބުރޫކު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ސްކޫލްތައް ބަންދު ނުކުރި ނަމަވެސް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މި ދުވަސްވަރު ކުރިއަށް ނުގެންދަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ. މީގެ އިތުރުން، މާލޭގައި ހިންގާ ދެ ޔުނިވާސިޓީގެ އިތުރު ހަރަކާތްތައްވެސް ވަނީ މެދުކަނޑާލާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ހަ މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ. ދެން ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގެ ދެ ޓޫރިސްޓެކެވެ.


މީގެއިތުރުން ކުރަމަތި ރިސޯޓާއި ވިލިމަންދޫ ރިސޯޓްގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު ވެސް މިހާރު ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށްފަ އެވެ. އެ ތިން ރިސޯޓުން ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކުވާ މީހަކު ފެނި، މޮނީޓާ ކުރަން ފަށާފަ އެވެ.